ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވިޓަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ރައްދުދެއްވައިފިއެވެ.
ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދެއްވުމަށް ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ބިލާލް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 12 ވަނަ ދުވަހުގައެވެ.އެހެންނަމަވެސް ޑރ. ބިލާލް ރާއްޖެ ގެނައުމާއި ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޑުއުފުލަން ފެށުމާއި ގުޅިގެން މި އިވެންޓްވަނީ މަޑުޖައްސާލާފައެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވީ އުފައްދަމުންދާ ސުވާލުތަކާއި، އަދި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާއި ގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް، ޑރ. ބިލާލްގެ އިވެންޓް މަޑުޖައްސާލަން ނިންމާފައިވާކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި، ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަންނަ ކަމަށެވެ. އެހެންކަމުން ޑރ.ބިލާލް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.އިޔާޒް ވިދާޅުވީ ދީނީ ނަސޭހަތް ރަގަޅު ގޮތުގައި ދެއްވާ ބޭފުޅުންނާއި އެ ނޫން ބޭފުޅުން ވަކި ކުރައްވަން އެގިވަޑައިގަންނަވާ ވަަރަށްވުރެ މަނިކުފާނުގެ ލާދީނީކަން ބޮޑު ކަމަށެވެ. “ނޭގޭ ވާހަކަ ނުދައްކަވާ މަޑުން ހުންނެވޭތޯ ބައްލަވާ. ފަތަށްވެސް ލުއިވާނީ އެ ގޮތް” ޑރ.އިޔާޒް ވިދާޅުވިއެވެ.
ނަޝީދުގެ އިތުރުން ޑރ.ބިލާލް ގެނައުމާއި ދެކޮޅަށް އީވާ އާއި އިންތި ވިދާޅުވީ، ޑރ. ބިލާލްއަކީ ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭން ރަނގަޅު ބޭފުޅެއް ނޫން ކަމަށެވެ.