ފާޑުކިޔުންތަކާއި ހެދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.
ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދެއްވުމަށް ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ބިލާލް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 12 ވަނަ ދުވަހުގައެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވީ، އުފައްދަމުންދާ ސުވާލުތަކާއި، އަދި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާއި ގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް، ޑރ. ބިލާލްގެ އިވެންޓް މަޑު ޖައްސަލާފައިވާ ވާހަކަ ދަންނަވާ ކަމަށެވެ.
ޔޫތު މިނިސްޓަރ މިގޮތަށް ވިދާޅުވެފައިވަނީ ޑރ. ބިލާލް ރާއްޖެ ގެނައުމާއި ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޑުއުފުއްލަވަމުން ގެންދވަނިކޮށެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި، ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަންނަ ކަމަށެވެ. މިކަމާއި ގުޅޭގޮތުން އީވާ އާއި އިންތި ވިދާޅުވީ، ޑރ. ބިލާލްއަކީ ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭން ރަނގަޅު ބޭފުޅެއް ނޫން ކަމަށެވެ.
Dr. Philips akee dheenee heyo lafaa naseyhaiy dhevva beyfulhehge gothugai gina Islaamee mujthamaau thakun balaeh nuganey. E beyfulha Raajje gennaakah nufeney
— Mohamed Nasheed (@MohamedNasheed) February 18, 2020
މިހާތަނަށް ފަސް ފަހަރު މަތިން ރާއްޖެ ވަޑައިގެން ދިވެހިންނަށް ދީނީކަންކަން އޮޅުން ފިލުއްވައި ދެއްވި، ކެނެޑާ އަށް އުފަން ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިއޮތީ ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށެވެ. އޭނާ ހަ ދުވަސް ވަންދެން ރާއްޖޭގައި މަޑު ކުރާ ގޮތަށްވެސް ކުރިން ހަމަޖެހިފައި އޮތެވެ.
Dr Bilal Raajje genaun madu jassaalaifihttps://t.co/rQPBlYUR4l@DrBilalPhilips
— AO News (@aonews_mv) February 18, 2020