English Edition
Dhivehi Edition
ހިތަދޫ ޕޯޓް ލިމިޓެޑް - ފޮޓޯ: އެޗްޕީއެލް

ހިތަދޫ ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަ ދުވަސްވީ މުދާ ކްލިއަރ ކުރުމަށް ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން އަންގައިފި އެވެ.

އެޗްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި އެމުދާތައް ބަނދަރުން ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް އަންގާ ކަމަށެވެ. އަދި އެ މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް އެޗްޕީއެލް އިން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން އެޗްޕީއެލް އިން ބުނީ މި މުއްދަތުގެ ތެރޭގައި މުދާ ބަނދަރުން ހުސްނުކޮށްފިނަމަ، އެފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް އެކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެ ކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށްވެސް އެޗްޕީއެލް އިން ބުނެއެވެ.

އެޗްޕީއެލް އިން ވަނީ އެ އިއުލާނާއެކު ހިތަދޫ ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަ ދުވަސްވީ މުދަލުގެ ލިސްޓް ގެޒެޓްގައި އާންމުކޮށްފަ އެވެ.