ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކޮށްގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ނޯތް ސެންޓްރަލް ޑިވިޝަން ގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު 12:00 އެހާއިރު ފުލުހަށް ހުށައެޅިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އެ މުއައްސަސާއިން ބަލަމުން އަންނަ ކަމަށެވެ.
ޖިންސީއަނިޔާގެ މައްސަލަތައް މިފަހަކަށް އައިސް ވަރަށް ގިނައިން ދަނީ ފެންމަތިވަމުންނެވެ. ފަހުގެ ތާރީހެއްގައި ހިނގި މިފަދަ އެންމެ ބޮޑު އެއް މައްސަލަ އަކީ އުމުރުން 2 އަހަރު ނުވާ ތުއްތު ކުއްޖަކަށް އެ ކުއްޖާގެ އާއިލާގެ ތެރެއިން ޖިންސީ އަނިޔާ ކުރާ މައްސަލައެވެ.
ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވެ ސިޔާސީ ކޯޅުމަކަށް އެ މައްސަލަ ގޮސްފައި ވަނިކޮށް ޖެންޑަރ މިނިސްޓަރ ކަމުގައި ހުންނެވި ޝިދާތާ ވަނީ ޖެންޑަރ މިނިސްޓަރު ކަމުން އަމިއްލަ އަށް އިސްތިއުފާ ދެއްވާފައެވެ.