English Edition
Dhivehi Edition

ތަހުނިޔާއާއި އުފާވެރިކަން ހުއްޓެވެ. ސަލާމާއި ހެޔޮއެދުންތައް ހުއްޓެވެ. އަދަކީ ބަރަކާތްތެރި އަޟްޙާ ޢީދުދުވަހެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު މުސްލިމުން އުފާކުރުމަށް ﷲ ލެއްވި ފުރުސަތެވެ. މި ޢީދު ޢީދަކަށް ވަނީ އިސްލާމްދީނަށް ނިސްބަތްވެގެންނެވެ. ދީނީ ޢީދެކެވެ. އެހެންކަމުން މިއަދަށްޓަކައިހުރި އުފާތަކުގެ ބޭނުން އަޅުގަނޑުމެން ކުރާންވަނީ އޭގެ އެންމެރީތި ސާފު ގޮތުގައެވެ. ދީނީ ހަމަތަކުގެ މަތީންނެވެ.
މިއަދު އެންމެ އިސްކަމެއް ދޭންޖެހޭނީ އިސްލާމީ އުސޫލާއި ހަމަތަކުގެ މަތީން ޢީދު ފާހަގަ ކުރުމަށެވެ. ޢީދުގެ އުފާ ލިބިގަތުމަށެވެ. އީދާ މުނާސަބުވެގެންވާ ހެޔޮކަންކަން ކުރުމަށެވެ. ޢީދުގެ އުފާތައް ފެށިގެން އަންނަނީ ހެނދުނު ކުރެވޭ ޢީދުނަމާދުންނެވެ. އެއަށްފަހު ޢީދު ސަލާމެވެ. ހިތްތަކަށް އުފާވެރިކަމާއި ސާބިތުކަން ލިއްބައިދެނީ މިސްކިތްތަކުގެ މުންނާރުތަކުން ގުގުމަމުންދާ ﷲ އަކްބަރުގެ މަތިވެރި ޝިޢާރުގެ އަޑުންނެވެ. ޝައްކެއް ނެތެވެ. ޢީދުގެ އެންމެ ގަދަ އަޑަކީ އެއްބައިވަންތަކަން އިޢުލާން ކުރެވޭ ތަކުބީރުގެ އަޑެވެ.

ޙަޤީޤީ މުސްލިމުންނަކީ ކޮންމެފަދަ ޙާލެއްގައިވެސް ﷲގެ މަތީން ހަނދާން ކުރާމީހުންނެވެ. އުފާވެރި ވަގުތުތަކާއި ހިތާމަވެރި ވަގުތުތަކުގައެވެ.

ޢީދުދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު ތަކުބީރު ތަޙުލީލްގެ އަޑު ކޮބައިތޯއެވެ؟ ޖައްވު ގުގުމާލަންވީ ހަމައެކަނި ޢީދަށްޓަކައި ހަދާފައިވާ ޅެންތަކަކުންނޫނެވެ. ޖައްވާއި ފަޒާ ގުގުމާލަންވީ އިސްލާމީ މަތިވެރި ޝިޢާރުންނެވެ.
މުސްލިމުންނަކީ އެކުވެރި ބައެކެވެ. އަވަށްޓެރިންނަށް ޒިޔާރާތްކޮށް ޙާލުބެލުމަކީ އީސްލާމީ ރީތިއާދައެކެވެ. އެކަންކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެއެވެ. ވަރުގަދަވެއެވެ.
ޙައްޖުގެ އަޅުކަމަށް މައްކާއަށް ޖަމާވާ ޖާމާވުމަކީ އިސްލާމީ އެންމެ ބޮޑު އެއްވުމެވެ. މިއީ އިސްލާމުންގެ ބާރުވެރިކަން ދައްކުވައިދޭ އެއްވުމެކެވެ. މިއީ އިސްލާމުންގެ މެދުގައި އޮންނަ ހަމަހަމަ ކަމާއި އެއްބައިވަންތަކަން ރަމްޒު ކޮށްދޭ އެއްވުމެވެ. މިއެއްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ޖަމާވެއެވެ.
މިފަދަ އެއްވުންތަކުން އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. އެ ފިލާވަޅުތަކަށް ޢަމަލުކުރަން ޖެހެއެވެ. އެފަދަ ފިލާވަޅުތަކަށް ޢަމަލުކުރެވޭނަމަ މުސްލިމުން މިއަދު ތިބޭނީ ދުނިޔޭގެ އެންމެކުރީސަފުގައެވެ. ﷲ މުސްލިމުންނަށް އާރާއި ބާރު ދެއްވިއެވެ. މުއްސަނދިކަމާއި ބިން ދެއްވިއެވެ. އެކަމަކު އެ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުން ނުކުރެވޭކަމީ މުސްލިމް އުއްމަތުގެ އެންމެތަކުން ވިސްނާލުން ޙައްޤުކަން ބޮޑު ކަމެކެވެ.
ޢީދަކީ ވަކި ޖިންސަކަށް ވަކިކުލައަކަށް އަންނަ އުފާވެރިކަމެއް ނޫނެވެ. މިއީ އެންމެހާ މުސްލިމްތަކުންގެ މައްޗަށް ޢާއްމުވެފައިވާ އުފަލެކެވެ. އެހެންކަމުން މިއަދަކީ ކިލަނބުވެފައިވާ ހިތްތައް ސާފުކޮށްލަންވީ ދުވަހެވެ. ކެނޑިފައިވާ ގުޅުންތައް އަލުން ގުޅުވަންވީ ދުވަހެވެ.
އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާނުވާހާ ހިނދަކު “އީދުއައީ ހިނިތަުންވަމުން، މާމަލުގައި ނަލަ ކުލަޖައްސަމުން” ނޭ ބުންޏަސް އޭގެ ޙަޤީޤީ އުފާވެރިކަމެއް ނެތެވެ.