English Edition
Dhivehi Edition

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ. އެގޮތުން އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހަމަޖެއްސެވީ ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދު އެވެ.

ރައީސް އޮފީހުން ވިދާޅުވީ މުޙައްމަދު ނާޞިޙް ރަޝީދު މީގެ ކުރިން ހުންނެވީ ހުވަދުއަތޮލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމުގައެވެ. މުޙައްމަދު ނާޞިޙް ރަޝީދު ކުރިން ވަނީ އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

މުޙައްމަދު ނާޞިޙް ރަޝީދަކީ ބެޗެލަރ އޮފް ޝަރިޢާ އެންޑް ލޯ އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާޞިޙް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ.

ޔޫތު މިނިސްޓަރު ކަމުގައި މިހާރު ހުންނަވަނީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުއެވެ. ޔޫތު މިނިސްޓަރު ކަމަށް މަހުލޫފު ހަމަޖެއްސީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް ޞާލިޙުއެވެ.