English Edition
Dhivehi Edition

މިއަދަކީ ރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހެވެ. ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ.

ޕޯޗުގީޒުންގެ އަތްދަށުން މި ޖަޒީރާ ގައުމު ސަލާމަތް ކޮށްދެއްވައި އަޅުގަނޑު މެންނާ ހަމައަށް ވާސިލް ކޮށްދެއްވީ އައްސުލްތާނުން ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑު ތަކުރުފާނެވެ. އެކަމަށްޓަކައި މިއަދުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އެމަނިކުފާނަށެވެ. އައްސަރިބަހާއި ސާބަހުން ވެދުން ކޮށްލެވެނީ އެމަނިކުފާނުގެ ވާގިވެރިންނަށެވެ. އަލީ ތަކުރުފާނާއި، ހަސަން ތަކުރުފާނަށެވެ. ދުވާފަރު ދަންޑަހެލާއި، ދެ ހާޖީންނަށެވެ.

މި ކުޑަކުޑަ ލަޝްކަރުގެ މިންނެތް ހީވާގި މަސައްކަތުން ބާރުގަދަ ޕޯޗުގީޒުން ބަލި ކުރައްވާފައިވަނީ އެންމެ ބޭނުންވި ވަގުތުގައެވެ. އެއީ ޕޯޗުގީޒުންގެ އަނިޔާ ދިވެހިންގެ މައްޗަށް އާންމުވެފައިވާ ވަގުތެވެ. ކާފަރުންގެ ދުއްތުރާ ބޮޑުވެފައިވާ ވަގުތެވެ. ދިވެހިންގެ ކަރަށް ބަނގުރާ އަޅަން ނިންމާފައިވާ ވަގުތެވެ.

އެވަގުތު މުހައްމަދު ތަކުރުފާނު މާލެ އެރުއްވިއެވެ. އެމަނިކުފާނުގެ ކުޑަ ލަޝްކަރާ ގެންނެވެ. މާލެއަށް އެރުއްވިއިރު މާލޭގެ ރައްޔިތުން ތިބީ ނާމާން ކަމެއްގެ ތެރޭގައެވެ. އެހިނދު ބޮޑުތަކުރުފާނު ވަޑައިގެން ޕޯޗުގީޒުންގެ ރަސްކަމުގެ ކޮއިލާ ދިމާކުރެއްވިއެވެ. އަދި އެމީހުންގެ ބޮޑަކަށް ހުރި އަނދިއަނދިރިންގެ ކަރަށް ބަޑި ޖައްސަވައި މަރުއްވައި ލެއްވިއެވެ. އެއަށްފަހު ޕޯޗުގީޒުންގެ ލަޝްކަރާ ހަނގުރާމަކޮށް ހިނދުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯއްދެވިއެވެ.

ބޮޑު ތަކުރުފާނުގެ މަތިވެރި ޖިހާދުގެ ވާހަކައަކީ “ދިވެހި މަސްކަނޑުތަކުގައި މަސް ފުމެއުޅޭހާ ހިނދަކު” ހުއްޓޭނެ ވާހަކައެއް ނޫނެވެ. ތަރިރު ހަނދު އުދަ އޮއްސި ވާހާ ހިނދަކު ނިމޭނެ ވާހަކައެއް ނޫނެވެ.

އެމަނިކުފާނު ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވީ އަނގަމަތި ހާސާ ރިޔާ ދޯންޏެއް ގައެވެ. އަތްވާއި ވާރޭ ތެރޭގައެވެ. ގަދަ ވަޔާއި ވިއްސާރައިގެ ތެރޭގައެވެ. މާ ސިންގާ މާވަހި ތަކާއި ކުދިކުދި ރާޅުތަކުގެ މަތީގައެވެ. އެމަނިކުފާނުގެ މަތިވެރި ޖިހާދުގައި ބޭނުން ކުރެއްވި އޮޑިއަކީ މަޝްހޫރު ކަޅުއޮށްފުންމިއެވެ.

އެދޯނީގައި ރޭގަނޑު ރަށްރަށަށް އެރުއްވިއެވެ. އަދި ކާފަރުންނަށް މަރުގެ ކޫޒުން ބޯން ދެއްވިއެވެ. އިރު އެރުމުގެ ކުރިން އެރަށަކުން ފުރާވަޑައިގަންނަވައެވެ. އަދި ރާއްޖެ އޮބާ ހިސާބު ދުރަށް ވަޑައިގަންނަވައެވެ. ކާފަރުންގެ އަތްދަށުން ރާއްޖެ ސަލާމަތްވީ މިގޮތުގައި އެތައް ދުވަހަކު މަސައްކަތްޕުޅު ކުރެއްވުމަށް ފަހުގައެވެ.

މި ފަދަ މަތިވެރި ފަތަހައެއް ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ލަޝްކަރަށް ދެއްވީ އެބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަމާއި އުޚުއްވަތްތެރި ކަމެއްގެ ސަބަބުންނެވެ. ﷲއަށް އޮތް އިތުބާރަކާއި ޔަގީން ކަމެއްގެ ބޮޑު ކަމުންނެވެ. ދިވެހި ރައްޔިތުންގެ މައްޗަށްއޮތް އޯގާތެރި ކަމާއި ހަމްދަރުދީގެ ބޮޑު ކަމުންނެވެ. ދިވެހި ފަސްގަނޑަށްއޮތް އިޚްލާސްތެރި ލޯތްބެއްގެ ވަރުގަދަ ކަމުންނެވެ. ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ވަރުގަދަ ކަމުންނެވެ. ގައުމީ ލޯބި ހިތްޕުޅުގައި އޮތް މިންވަރުގެ ބޮޑު ކަމުންނެވެ.

ގައުމީ ދުވަސް މިއަދު އަޅުގަނޑުމެން ފާހަކުރަނީ ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ޖިހާދުގެ މަތިން ހަނދާ ކުރުމަށެވެ. ބޭނުމަކީ އެއިން ހިތްވަރު ލިބި އަމަލު ކުރުމެވެ.

މިއީ ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިންގެވެސް ގައުމެވެ. މިގައުމަށް ލިބޭ ކޮންމެ ދެރައަކީ އެބޭފުޅުންގެ ޖިހާދަށް ލިބޭ ދެރައެކެވެ. އެބޭފުޅުން މިގައުމު އަޅުގަނޑުމެންނާ ހަވާލުކޮށްފައިވަނީ ދުވަހަކުވެސް އަޅުގަނޑުމެން މިގައުމަށް ހަރާންކޯރު ނުވާނެ ކަމަށް އުންމީދު ކޮށްގެންނެވެ. ބޭރު ގައުމުތަކުގެ އުނގަށް ނުވެއްޓޭނެ ކަމުގެ ޔަގީން ކަމުގައެވެ.

މުހައްމަދު ތަކުރުފާނު ހިންގެވި މަގުން އަޅުގަނޑުމެން ނުހިނގާ ކަމަށްވާނަމަ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ބޭނުމެއްނެތެވެ. އެ ނަމޫނާގައި ހިފައި އެއަށް އަމަލު ނުކުރާ ކަމަށްވާނަމަ އެ ތަކުރުފާނުގެ މައްޗަށް ފަޚުވެރި ވުމުގެ ބޭނުމެއް ނެތެވެ.

މި ގައުމުގައި މިހާރު ބައިވަރު މައްސަލަ އެބަހުއްޓެވެ. ފުރަތަމަ ކުރަންވީ ކަމަކީ އެތެރޭގެ މައްސަލަތައް ހައްލު ކުރުމެވެ. ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމެވެ. ގައުމީ ލޯބި އާލާ ކުރުވުމެވެ. އެތެރެއިންނާއި ބޭރުންހުރި ގޮންޖެހުންތަކުން ސަލާމަތް ވެގެން ނޫނީ މި ގައުމަށް މިއަދު ނޭވާ ލެވޭކަށްނެތެވެ.

އިންޑިއާ ކަނޑުގެ ސިންގާގެ ބަނޑު ދަށުގައި މުތްތަކެއް ފަދަ މި ޖަޒީރާ އޮތެއް ކަމަކު މިއީ މިނިވަން ގައުމެކެވެ. އެ މިނިވަކަން ދެމެހެއްޓުމާއި ދޫކޮށްލުން އޮތީ އަދުގެ ޖީލިގެ އަތްމަތީގައެވެ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން ކުރާކަމެއްގެ ސަބަބުން ދޫވެއްޖެ ނަމަ ދެން ދިމާވެދާނެ ނިކަމަތި ކަމުގެ ބޮޑު ކަމާއެވެ.

ދިވެހި ގައުމަށްޓަކައި ޝަހީދުވެ ވަޑައިގެންނެވި އެތައް އަބުތާލުންގެ އަގުމާތް ލެޔާއި އެ ލޭގައި ޖަހަމުންދާ ގައުމީ ވިންދުގެ ހައްގަށްޓަކައިވެސް މިގައުމުގެ މިނިވަންކަން ހަމަ ހިލާ ގެއްލިގެން ދިޔަދީގެން ނުވާނެއެވެ.

ކާބައިންނަކީ މާޒީއެވެ. އެ ބޭފުޅުން ދެން ވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުމެގެ ތެރޭގައި ހުރީ ހަމަ އެކަނި އެބޭފުޅުންގެ ހަނދާންތަކެވެ. ގައުމަށް މިހާރު ދިމާވެފައިވާ ކަންކަން ހައްލު ކުރުމަކީ ދުނިޔޭގައި މިހާރުތިބި މީހުންގެ ޒިންމާއެކެވެ.

އެޒިންމާ އަދާކުރުމަށް އެއްބަހެއް ކިޔަން ޖެހެއެވެ. އެއްގަލަކަށް އަރަންޖެހެއެވެ. ކަމެއް ދިމާވާއިރަށް ބޭރު ގައުމެއްގެ އުގަށް ވެއްޓިގަތުމަކީ ކާބަފައިންނަށްވެސް ހުތުރެކެވެ.