English Edition
Dhivehi Edition

ޖިންސީ ގޯނާކޮށްގެން، ދަޢުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަތައްވެސް ނުނިމި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ޝަރުޢީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއްކަމުގައެވެ.ޢުމުރުން ދެ އަހަރުނުވާ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ ތެރޭގައި ފެންމަތިވެފައިވާއިރު މި މައްސަލައަށް އިޝާރަތްކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ ތުހުމަތުކުރެވޭ ބައެއް މީހުންނާ ޢަދުލު އިންޞާފު އަރައި ހަމަނުކުރުންކަމަށާއި އަދި ދައުލަތުގެ ބައެއް އިދާރާތަކުން އެކަމުގައި އިހުމާލުވުންކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމުން، ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރެވިގެންދާނެކަމަށެވެ. އަދި މި ޤާނޫނު މި ސަރުކާރުން ފާސްކުރީ، ކުރީގެ ސަރުކާރުތަކުން މި ޤާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ 28 އަހަރު ފަހުންކަމަށް ރައީސްވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަލުން އެކުލަވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުވާފައިވަނީ މިދިޔަ އަހަރު އޮގަސްޓްމަހުގެ ތެރޭގައެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީއެވެ.

ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކުގެ ތެރޭގައި، ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި، އަޅާލުމާއި ޙިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ޙައްޤާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ޙައްޤާއި، ދުޅަހެޔޮ ޞިއްޙަތާއި ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ރަޙުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުމުގެ ޙައްޤު ފަދަ ޙައްޤުތައް ހިމެނިފައިވެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި މި ޤާނޫނުން މަނާކުރެއެވެ. އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަޞައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން، މި ބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައެޅިފައިވެއެވެ.