English Edition
Dhivehi Edition

ނޮވެލް ކޮރޯނާ ވައިރަސް ފެނުނު މައި މަރުކަޒު ކަމުގައިވާ ޗައިނާގެ ވޫހާން ސިޓީ ގައި ތިބި 9 ދިވެހިންގެ ތެރެއިން 7 ދިވެހިން އެއާއިންޑިއާގެ ޚާއްޞަ މަތިންދާބޯޓެއްގައި ދިއްލީއަށް ގެންދާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރު އެމީހުން ތިބީ އިންޑިއާއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ.

މިނިސްޓަރ ޝާދިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވޫހާންގައި ތިބި 7 ދިވެހިން ގެންދާނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށްކަމަށާއި، އެމީހުން ގެންދާނީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައި ކަމަށެވެ. އަދި ވަކި މުއްދަތެއް ވަންދެން އެމީހުން އިންޑިއާގައި ކަރަންޓީނު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއިން މިކަމުގައި ވީ އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ ޝާހިދު ވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޝަންކަރުގެ އިތުރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ. މީގެއިތުރުން ޗައިނާގެ ހޫބޭ ޕްރޮވިންސް ގެ ކަމާބެހޭ ފަރާތްތަކާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލީ ޖޮންގްގެ އިތުރުން ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާއަށް ދެއްވި އެއްބާރުލުމަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން، ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ހާލު ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދިޔައީ ގާތުން ބަލަމުން ކަމަށާއި އަދި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ވަކިން ހާއްސަކޮށް ދިވެހި ކިޔަވާ ކުދިންގެ މައުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި އެކި ވަސީލަތްތައް މެދުވެރިކޮށް ކުދިންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.