English Edition
Dhivehi Edition
ކެނަރީފް ރިސޯޓް މޯލްޑިވްސް - ފޮޓޯ: ޓްރޮޕިކަލް ވެއަރހައުސް

އައްޑޫ ސިޓީ ހެރަތެރަގައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓް މޯލްޑިވްސްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ކެނަރީފް ރިސޯޓުން އުމުރުން 62 އަހަރުގެ އިޓަލީގެ ފިރިހެން ފަތުރުވެރިއަކު ނިޔާވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 07:08 ހާއިރު ކަމަށެވެ.

އަދި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގެ ބޭރުފުށުން ބަލާ ބެލުމަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިއްޔެވެސް ބ. އަތޮޅުގައި ހިންގާ ޑްރީމްލޭންޑް ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓު ސްޕާގައި މޫދަށް އެރި އުޅުނު އުމުރުން 67 އަހަރުގެ ޗައިނާގެ ފިރިހެން ފަތުރުވެރިއަކުވެސް ވަނީ ގެނބިގެން މަރުވެފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުވެސް އއ. މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިންގ އަށް ގޮސް އުޅުނު ޖަރުމަނުވިލާތުގެ ފަތުރުވެރިއަކުވެސް ވަނީ މަރުވެފަ އެވެ.