އައްޑޫސިޓީގައި ރާވެރިކަން ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕޮރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ އެންވަޔަރަމެންޓް މިނިސްޓްރީން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ މެކްސް އާއި ހަވާލުކޮށް ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ.
އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރާވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ރާވެރިކަން ދަސްކުރުމަށް ޝަޢުގުވެރިކަން ހުރި އަދި އެމަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެކަންތައް ކުރާނެ ގޮތްތައް ކިޔައިދޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރެއެވެ. ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމުގައި ކިޔެވުމަށް ބޭނުންވާ އާލާތްތައް، ޕްރޮގްރާމް އިންތިޒާމު ކުރާފަރާތުން ފޯރުކޮށްދޭނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
މިކޯހުގައި ބައިވެރިވެލައްވަން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ ތިރީސްވަނަ ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމުގެ ކުރިން އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް ސިޓީ ކައުންސިލް އިދާރާ އާއި ހަވާލު ކުރަން ޖެހެއެވެ. ކޯހުގައި ގިނަވެގެން ބައިވެރިކުރުމަށް ނިންމާފައިވަނީ 10 ފަރާތެވެ.
ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށްގެން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ.