English Edition
Dhivehi Edition
މިޞްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ މިސްޓަރ ހުޞައިން އަލް ސަހާރޓީ އާއެކު ރައީސް ޞާލިޙް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ޢަރަބް ރިޕަބްލިކް އޮފް އިޖިޕްޓް ނުވަތަ މިޞްރާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އެކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައި ވަނީ މިޞްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ މިސްޓަރ ހުޞައިން އަލް ސަހާރޓީ އާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދޭ ދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި އެކިދާއިރާތަކުން މިޞްރު ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު ޢަދާކުރައްވާފައެވެ.

އެގޮތުން ކޮންމެ އަހަރަކު މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް މިޞްރު ސަރުކާރުން ފޮތް ހަދިޔާކޮށްދެއްވުމާއި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި މަތީތަޢުލީމު ޙާޞިލުކުރުމަށް މިޞްރު ސަރުކާރުން ސްކޮލަރޝިޕް ދެއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުޞަތުތައް ފާހަގަކުރައްވައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއަކީ މިޞްރާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ސަފީރު އަލް ސަހާރޓީ ދެއްކެވި ވާހަކަފުޅުގައި ސަރަޙައްދީ ތަރައްޤީއަށް މަސައްކަތްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މި ސަރުކާރުން ދައްކަވާ ލީޑަރޝިޕް ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއާއި ވިޔާފާރިއާ އިޤްތިޞާދީ ދާއިރާއާއި ކައުންޓަރ ޓެރަރިޒަމް އަދި ކަނޑުގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއިން އިތުރަށް ރާއްޖެއާ ގުޅުންބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން މިޞްރުގެ ސަފީރު ފާޅުކުރެއްވިއެވެ.