English Edition
Dhivehi Edition
17 ޖެނުއަރީ 2020 ގައި ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިއެއް ރޭޕްކުރާ މީހުން ހައްޔަރުކުރުމަށް ގޮވާލާ ޕޯސްޓަރެއް ހިފައިގެން - ފޮޓޯ: ފަޔާޒް މޫސާ (ސަން)

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ފަސް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކުރީ ރޭ 23:04 ހާއިރު ކަމަށެވެ. އަދި ކޯޓުން އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

“އޭއޯނިއުސް” އަށް މައުލޫމާތު ލިބިފައި ވާގޮތުގައި އުމުރުން 56 އަހަރުގެ އެމީހާ ޖިންސީ ގޯނާ ކޮށްފައިވަނީ ފަސް އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ، އެ މުސްކުޅިމީހާ އަކީ އެ ކުޑަކުއްޖާގެ އާއިލާއަށް ނިސްބަތްވާ މީހެއް ކަމަށާއި އެމީހާ މިކުއްޖާ އާ ބެހެމުން ދާތާ ދުވަސްކޮޅެއް ވެދާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިކަންތައް ފަޅާއަރާފައިވަނީ އެކުއްޖާގެ އާއިލާ މީހަކަށް އެ މަންޒަރުފެނުމުން ކަމަށްވެސް އެމީހާ މައުލޫމާތު ދެއެވެ. މީގެ އިތުރުން އެމީހާ ބުނީ މިމައްސަލަ މިހާރު ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، ޖެންޑަރގެ ޓީމެއްވެސް ވަނީ އިއްޔެ އެ ރަށައް ގޮސް، އެ ކުއްޖާގެ އާއިލާގެ ބަޔާންތަކެއްވެސް ނަގާފަ އެވެ.

މީގެ އިތުރުން ގއ. ކަނޑުހުޅުދޫގައިވެސް އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފަ އަދި މުނިކާފަވެސް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ދެ ކާފައިންވެސް މިހާރު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާއިރު، އެ މައްސަލާގައި އިހުމާލުވިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ.