English Edition
Dhivehi Edition
ހުޅުމާލެ ހޮސްޕިޓަލް - ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

މާލޭ ހޮސްޕިޓަލްސް ގަވަނިންގ ބޯޑުގެ ނަމުގައި ޚާއްސަ ބޯޑެއް އެކުލަވާލައި، ހުޅުމާލެ ހޮސްޕިޓަލް ހިންގުން އެ ބޯޑުގެ ދަށަށް ބަދަލުކޮށްފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ، 2020ޖެނުއަރީ 01 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލް ހިންގަމުން ގެންދާނީ އެ ބޯޑުގެ ދަށުން ކަމުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައި އަންގަވާފައިވާ ކަމަށެވެ.

އެ ބަދަލާއެކުވެސް ހޮސްޕިޓަލުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެ ކަމަށާއި، ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އާސަންދަ ކުންފުނީގެ ދަށުން ހޮސްޕިޓަލުގެ ހިންގުން ވަކިވި ކަމުގައިވިޔަސް، ސަރުކާރުގެ އެހެން ހޮސްޕިޓަލްތަކެކޭ އެއްފަދައިން އާސަންދަ ސްކީމްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއްވެސް އެ ހޮސްޕިޓަލުން ލިބޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތައްވެސް އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.