English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި މިއަދު ނިމުނު މަކީޓާ 10 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ޏ. އެޓޯލް އެޑިޔުކޭޝަން ސެންޓަރ (ޖީއެންއޭސީ) އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހދ. އެޓޯލް އެޑިޔުކޭޝަން ސެންޓަރ (އެޗުޑީއެޗު) އިން ހޯދައިފިއެވެ.

މި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެންބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޏ.އެޓޯލް އެޑިޔުކޭޝަން ސެންޓަރުގެ އަހުމަދު ޝައްޔިރު ނާޒިމް ޖަލީލެވެ. އޭނާ ވަނީ ތިން ގޯލްޑު މެޑެލް ހޯދައިފައެވެ. 13 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ހދ. އެޓޯލް އެޑިޔުކޭޝަން ސެންޓަރުގެ ރިފާ މުހައްމަދެވެ. އޭނާވަނީ 2 ގޯލްޑު މެޑެލާއި، 1 ސިލްވަރ މެޑެލް ހޯދައިފައެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެމޮޅު އެތުލީޓަކަށް ހޮވުނީ ޒެފިއަސް ސްޕޯޓްސް ކުލަބުގެ މުހައްމަދު މުނާޒު އަލީއެވެ. އޭނާވަނީ 3 ގޯލްޑު މެޑެލް ހޯދައިފައެވެ. އެ އުމުރު ފުރައިގެ އަންހެން ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ސ. ހިތަދޫ ސްކޫލުގެ އާއިޝަތު ހިމްނާ ހަސަނެވެ. އޭނާވެސްވަނީ 3 ގޯލްޑް މެޑެލް ހޯދައިފައެވެ.

ނަވާރަ އަހަރުން ދަށުގެ އެންމެމޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ޒެފިއަސް ސްޕޯޓްސް ކުލަބުގެ ސަރީސް އަހުމަދެވެ. އޭނާވަނީ 2 ގޯލްޑާއި އެއް ސިލްވަރ މެޑެލް ހޯދައިފައެވެ. އެ އުމުރު ފުރައިގެ އެންމެމޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލުގެ ނަޝާ ނިޒާރެވެ. އޭނާވަނީ 3 ގޯލްޑު މެޑެލް ހޯދައިފައެވެ.

މި މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެންބައިން ޗެމްޕިއަންކަން ހޯދީ ހާފިޒު އަހުމަދު ސްކޫލެވެ. އެ އުމުރު ފުރައިގެން އަންހެންބައިގެ ޗެމްޕިއަންކަން ހޯދީ ހދ. އެޓޯލްސް އެޑިޔުކޭޝަން ސެންޓަރެވެ. 16 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ގދ. އެޓޯލްސް އެޑިޔުކޭޝަން ސެންޓަރުގެ ޓީމެވެ. 16 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ ޏ.އެޓޯލްސް އެޑިޔުކޭޝަން ސެންޓަރުގެ ޓީމެވެ. 19 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޏ.އެޓޯލްސް އެޑިޔުކޭޝަން ސެންޓަރެވެ. 19 އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އައްޑޫހައިސްކޫލެވެ.

މުބާރާތުގެ ފިރިހެން ކުދިންގެ ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ ޒިފިއަސް ސްޕޯޓްސްކުލަބު މުހައްމަދު މުނާޒު އަލީ އެވެ. އޭނާވަނީ 3 ގޯލްޑު މެޑެލް ހޯދައިގެން މި މުބާރާތުގެ ރެކޯޑެއް ހަދައިފައެވެ. އެންމެމޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ހިތަދޫ ސްކޫލުގެ އައިޝަތު ހިމްނާ ހަސަނެވެ. އޭނާވަނީ 3 ގޯލްޑް މެޑަލް ހޯދައިގެން މި މުބާރާތުގައި ދެ ރެކޯޑު ހަދައިފައެވެ.


މި މުބާރާތުގެ ވަނަތަކަށް ހޮވުނު ކުދިންނާއި ޓީމްތަކަށް އިނާމް ބައްސަވައި ދެއްވީ އައްޑޫ ހައިސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ނަދީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އައްޑޫ ބުރާންޗުގެ މެނޭޖަރ ޢަބްދުﷲ ޞާލިޙާއި، އެސްޓީއޯ އައްޑޫ ބުރާންޗުގެ މެނޭޖަރ އިބްރާހީމް އަލީދީދީއެވެ.

މިމަހު 26 އިން 29 އަށް އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ބޭއްވި މި މުބާރާތުގައި 20 ސްކޫލަކުންނާއި 6 ކުލަބަކުން ޖުމްލަ 455 އެތުލީޓުން ބައިވެރިވެފައިވެއެވެ. މުބާރާތުގައި ޖުމްލަ 60 އިވެންޓު ބާއްވައިފައިވެއެވެ.