އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ D ގައި ހިމެނޭ 32 ފްލެޓަށާއި، ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ކެޓަގަރީ C ގައި ހިމެނޭ 9 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ހިތަދޫގެ ފްލެޓްތަކަށް ކުރިމަތިލެވޭނީ އައްޑޫ ސިޓީ ހިތަދޫގެ ރައްޔިތުންނާއި ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުގެ ރައްޔިތުންނަށް ކަމަށްވާއިރު، ހުޅުދޫގެ ފްލެޓުތަކަށް ކުރިމަތިލެވޭނީ އައްޑޫސިޓީ ހުޅުދޫ އާއި މީދޫ ގެ ރައްޔިތުންނަށެވެ.
ކައުންސިލުން ބުނީ އެއީ ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރާގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެއް ކަމަށެވެ.
އެ ފްލެޓުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއިއެކު، 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ.
އެކަމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ އާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، ފޯމު ކައުންސިލްގެ ވެބްސައިޓު www.adducity.gov.mvއިން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.