English Edition
Dhivehi Edition

”ނިމޭ 19“ ގެ ނަމުގައި ފުލުހުން ހިންގަމުން ގެންދާ އޮޕަރޭޝަން ގެ ނަން ބަދަލުކޮށް އެއޮޕަރޭޝަން ހުއްޓާލުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއިން އެދިއްޖެއެވެ.

އެމްޑީޕީން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ފުލުހުން ހިންގާ އޮޕަރޭޝަނަކަށް “ނިމޭ 19” ކިޔުމުގެ ސަބަބުން އެ ޕާޓީން ނުހަނު ބުރަ މަސައްކަތުން ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ “އެޖެންޑާ 19” މިނަމަށް ވަރަށް ނުރަނގަޅު އަސަރުކޮށްފާނެ ކަމަށެވެ.

އަދި އެއޮޕަރޭޝަންގެ ނަން ބަދަލުކޮށް އެހެން ނަމެއްގައި އަލުން އެ އޮޕަރޭޝަންސް ހިންގި ނަމަވެސް، އެޕާޓީގެ ”އެޖެންޑާ19“ ނަމަށާއި، އެ އޮނިގަނޑު ދަށުން ހިންގާނެ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެތީ، ފުލުހުން އެއޮޕަރޭޝަން ހުއްޓާލުމަށް އެމްޑީޕީއިން އެދިފައި ވެއެވެ.

ފުލުހުންގެ އޮޕަރޭޝަނަކަށް އެފަދަ ނަމެއް ކިޔުމުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސިވެފައިވާތަން ރައްޔިތުންނަށް ފެނިގެންދާނެކަމަށް ސިޓީގައި ބުނެއެވެ.

އަދި 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ހަމަޔަށް ހިންގާ އޮޕަރޭޝަނަކަށް “ނިމޭ 19” ކިޔަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް އެމްޑީޕީން ފޮނުވި ސިޓީގައި ވެއެވެ.

 

އެމްޑީޕީއިން މިއަދު ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މިއަހަރު އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގެ ކެމްޕެއިންގައި އެޕާޓީގެ ވަޢުދުތައް ހިމެނޭ އޮނި ގަނޑަށް އެޕާޓީއިން ކިޔާފައިވަނީ ”އެޖެންޑާ 19“ ކަމަށެވެ.

އަދި ”އެޖެންޑާ 19“ އަކީ އެމްޑީޕީގެ ފިކުރީ މުދަލެއް ކަމަށާއި އެޕާޓިން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައި، އެނަމާއި ނަމުގެ ލޯގޯ ފާސްކޮށް، އެނަމާއި ލޯގޯއިން ވަކި ކަންކަމެއް ރަމްޒުކޮށްދޭ މަފްހޫމަކަށް އެނަމާއި ލޯގޯ މިހާރުވަނީ ވެފައެވެ. އަދި އެކަން ހާސިލުކޮށްފައިވަނީ އެޕާޓީގެ ވަރަށް ގިނަ މެންބަރުންގެ މަސައްކަތުން ކަމަށް އެސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

ފުލުހުންދަނީ ”ނިމޭ 19“ ގެ ނަމުގައި، ރައްޔިތުންގެ ލާބައާއި، ރައްކާތެރި ކަމަށްޓަކައި، މާލެ ސިޓީގައި ޚާއްސަ އޮޕްރޭޝަނެއް ހިންގަމުންނެވެ.

މި އޮޕަރޭޝަން މިހިނގާ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.