English Edition
Dhivehi Edition
ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުޅު - ފޮޓޯ: ހޯމް މިނިސްޓްރީ

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އަޙުމަދު މުޙައްމަދުފުޅު އިއްޔެ މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއާ ބައްދަލުކުރައްވައިފި އެވެ.

އެކަން ހާމަކުރައްވައި އަޙުމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރެކްޝަންސްގެ ސްޓާފުންނާއެކު އިއްޔެ މާފުށީ ޖަލަށް ވަޑައިގެން، އެތަނުގެ ހައި ސެކިއުރިޓީ ޔުނިޓާއި އަންހެނުންގެ ޔުނިޓު ބައްލަވާލައްވާފައިވަ ކަމަށެވެ.

އަދި އެ ޔުނިޓުތަކުގައި ތިބި ޤައިދީންނާއި ބައްދަލުކުރައްވައި، އޭގެ ތެރެއިން ހަތް ޤައިދީއަކާ އިންޓަވިއުކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްއާވެސް ބައްދަލުކުރިން”، އަޙުމަދު މުޙައްމަދުފުޅު ވިދާޅުވި އެވެ.

ނަމަވެސް، ރައީސް ޔާމީންއާއެކު ބޭއްވެވި ބައްދަލުވުމުގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އަޙުމަދު މުޙައްމަދުފުޅު ވިދާޅުވީ މާފުށި ޖަލަށް ކުރެއްވި ޒިޔާރަތުން ފާހަގަވި ކަންތައްތަކާއި އަދި ޤައިދީން ހިއްސާކުރި މައްސަލަތައްވެސް ހޯމް މިނިސްޓަރުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށެވެ.

އަދި އެ މައްސަލަތައް ޙައްލުކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއެކު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އަޙުމަދު މުޙައްމަދުފުޅު ޢައްޔަންކުރެއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާގެ މަސްއޫލިއްޔަތަކީ މީހުން ބަންދުކުރާ ތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލައި މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމެވެ.