މީރާ އިން ވަނީ މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަޙައްދުން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން ހާމަކޮށްފަ އެވެ. އެގޮތުން މީރާ އިން އާންމުކުރި ލިސްޓްގައި ޖުމްލަ 202 ފަރާތެއްގެ ނަން ހިމެނެއެވެ.
މީރާ މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހު ދައުލަތަށް 1.15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެގޮތުން ނޮވެމްބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 51.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 17.7% އިތުރު އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ 33.5% އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ޓީޖީއެސްޓީ އާއި އެއާޕޯޓް ސަރވިސް ޗާޖު އަދި ގްރީން ޓެކްސް އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށް މީރާ އިން ބުނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 56.6% ނުވަތަ 651،681،170 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އިންނެވެ. އެއީ 13.3% ނުވަތަ153،600،000 ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 6.4 ޕަސެންޓް ނުވަތަ 73.151،612 ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 5.2% ނުވަތަ 60،172،402 ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 5.2% ނުވަތަ 59،729،875 ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 152.40 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.