English Edition
Dhivehi Edition

ޒްލާޓަން އިބްރާހީމޮވިޗް އިޓަލީގެ ސެރީއާ މަޝްހޫރު ޓީމް އޭސީ މިލާނަށް އަލުން އަނބުރާ ގުޅެން ނިންމާފައިވާކަން ކަށަވަރު ކޮށްދީފިއެވެ.

އިބްރާހީމޮވިޗް އޭސީ މިލާން އާއި ދެވަނަ ފަހަރަށް ގުޅޭ އިރު، އޭނާ އަކީ 2010 އިން 2012 ވަނަ އަހަރާއި ހަމައަށް އެޓީމަށް 85 މެޗު ކުޅެ 56 ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭސީ މިލާން އާއި އޭނާ ގުޅޭ އިރު އެޓީމު މިވަގުތު އޮތީ ސެރިއާގެ ތަވާލުގެ 11 ވަނައިގައެވެ. އިބްރާހީމޮވިޗް އެކްލަބާއި ގުޅި ޕްރެކްޓިސް ތަށް ފަށަން ހަމަޖެހިފައިވަނީ، މިއަންނަ ޖެނުއަރީ މަހުގެތެރޭގައެވެ.

އޭނާ އޭސީ މިލާނާއި އަލުން ގުޅޭ ކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނީ، އޭސީ މިލާން އަކީ އޭނާ އަބަދުވެސް ޤަދަރު ކުރާ ކްލަބެއް ކަމަށެވެ. އަދި މިސީޒަނުގައި އެޓީމު އޮތް ހާލަތުން ނެގުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އިބްރާހީމޮވިޗް އެންމެ ފަހުން ކުޅުނީ އެމެރިކާގެ އެލްއޭ ގެލެކްސީ އަށެވެ. އޭނާ އެޓީމާއި އެކު ހެދި ދެ އަހަރު ދުވަހުގެ އެއްބަސްވުން މިދިޔަ ނޮވެމްބަރު މަހު ދެފަރާތުން އެއްބަސްވެގެން ނިމުމަކަށް ގެނެސްފައިވެއެވެ. އޭނާ އެޓީމުގެ 56 މެޗު ސީޒަނުގެ ތެރެއިން ކުޅެ 52 ގޯލު ޖަހައި ދީފައިވެއެވެ. އޭސީ މިލާންގެ އިތުރުން އިޓަލީގެ އިންޓަ މިލާން އާއި ޖުވެންޓަސް އަށް ވެސް އޭނާ ވަނީ ކުޅެފައެވެ. މީގެ އިތުރުން ބާސެލޯނާ އަދި ޕީއެސްޖީއިން ވެސް އޭނާ ފެނިގެން ދިޔައެވެ.

އޭސީ މިލާން އާއި އިބްރާހީމޮވިޗްގުޅެނީ މިސީޒަނަށް ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ސީޒަނަށް އޭނާ އެކު އެއްބަސްވުމެއް ހެދުން އެކަށީގެންވާ ކަމަށް، ޔޫރަޕުގެ ފުޓުބޯޅައިގެ ހަބަރު ގެނެސްދޭ ނޫސްތަކުން ބުނެއެވެ.