English Edition
Dhivehi Edition

އައްޑޫސިޓީ ގައުކެނޑި ސަރަހައްދުގައި ހުރި ޗެކްޕޯސްޓަށް ވަރަށް އަވަހަށް ކަރަންޓު ލެވޭނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކޮމާންޑަރ އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ އެތަނަށް ލާންބޭނުންވަނީ ސޯލާ ކަރަންޓު ކަމަށެވެ. އޭނާ ވިދާޅުވީ އެތަނަށް ކަރަންޓު ލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވަނީ އައްޑޫސިޓީ ކައުންސިލުން ކަމަށެވެ. އެތަނުން ވަރަށް ރަނގަޅަށް އެމަސައްކަތް ކޮށްދެއްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ އެތަނަށް ގައުކެނޑި ޗެކުޕޯސްޓަށް ކަރަންޓުލުމަށް ބޭނުންވާ ސޯލާ ގަތުމަށް ބަޔަކާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ގެންދަވަނީ ލިންކްސާވް މީހުންނާއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އެއްބަސްވުމެއްގައި ދެފަރާތުން މިހާތަނަށް ސޮއިކޮށްފައި ނުވާކަމަށް ޔަސްރިފް ވިދާޅުވިއެވެ. އެހެންނަމަވެސް މާގިނަދުވަސްތަކެއްނު އެތަނަށް ކަރަންޓުލެވޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުކެނޑި ޗެކްޕޯސްޓަކީ އައްޑޫސިޓީ ކައުންސިލުން ވަރަށްފަހުން މަރާމާތު ކޮށްދެއްވި ތަނެކެވެ. އެތަން މަރާމާތު ކުރުމަށްފަހު ކަރަންޓު ނުލެވެނީސް އެތަނުގެ ދޮރުތަކުގެ ބިއްލޫރިތައް ބަޔަކުވަނީ ތަޅައިލައިފައެވެ. ތަޅައިފައިވާ ބިއްލޫރިތައް އަރުވައި ދޮރިފަތްތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް ސިޓީކައުންސިލުން ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ޔަސްރިފް ވިދާޅުވިއެވެ. އެ މަސައްކަތްވެސް ކުރުވާނީ އެތަން މަރާމާތުކޮށްދިން ކުންފުނީ މެދުވެރިކޮށެވެ.

އެއީ ކުރިންވެސް ސިފައިން ބޭނުންކުރި ތަނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެފަހަރު އެތަން ދޫކޮށްލީވެސް ކަރަންޓުގެ މައްސަލަ ބޮޑުވެގެންނެވެ. އެފަހަރު ފުލުހުން އެތަން ބޭނުންކުރެއްވީ ޗެކްޕޯސްޓެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިފަހަރު ފުލުހުން އެތަން ބޭނުން ކުރައްވާނީ ޓްރެފިކް ފުލުހުންގެ މަރުކަޒެއްގެ ގޮތުގައެވެ.