English Edition
Dhivehi Edition

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިފްގެ ގުރުއަތުލުން ރޭ އީކުއޭޓަރ ވިލެޖްގެ ބްލޫލެގޫން ގައި ބާއްވައިފިއެވެ. ކައުންސިލަރ ޢަލީ ފަހްމީ ޝަރަފްވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި ޓީމްތައް 2 ގްރޫޕަކަށް ބަހާލެވިފައިވެއެވެ. މުޅި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު ގްރޫޕް އޭގައި ހިމެނެނީ އެފްސީ ބޭރުމަތި(ހިތަދޫ)، މުލިމަތި(މީދޫ) އަދި ގޯދިއްޔަ(މަރަދޫ)އެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމްތަކަކީ އެފްސީ ޒެފިއާ(ހިތަދޫ)، ފޭދޫ ސްޕޯޓްސް ، އަދި ކްލަބް ރިވެރިން(ހިތަދޫ)އެވެ.

 

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ޒުވާނުންގެ ޝައުޤުވެރިކަން ފުޓްބޯޅައަށް އިތުރުކޮށް މިކުޅިވަރު ދިރުވައި އާލާކުރުމާއެކު ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމުގެ މަޤްސަދުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ސިޓީ ކައުންސިލުންވަނީ 1 ލައްކަ ރުފިޔާހުށަހަޅާފައެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވާ ބުރާސްފަތި ދުވަހު ހަވީރު 4 ޖަހާއިރުއެވެ. މުބާރާތް ފަށާ މެޗްގައި ބައްދަލު ކުރާނީ ހިތަދޫ އެފްސީ ބޭރުމަތި ޓީމާއި މީދޫ މުލިމަތި ޓީމެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ މިމުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ސެމީއަށް ދާނެއެވެ. ސެމީއިން މޮޅުވާ ދެޓީމްގެ މެދުގައި ކުޅޭ މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 2020 ޖެނުއަރީ 11 ވާ ހޮނިހިރު ދުވަހު އެވެ.

މި މުބާރާތުގެ ޤަވާޢިދުގައި ވާ ގޮތުން އައްޑޫގެ ރައްވެއްސަކަށް ނުވަތަ އައްޑޫ މީހެއްގެ ފިރިއެއް ފިޔަވައި އެހެންހިސާބެއްގެ އެއްވެސް މީހަކަށް މިމުބާރާތުގައި ކުޅުމުގެ ފުރުސަތެއްނެތެވެ. އެހެންކަމުން މިއީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ފުޓްބޯޅައަށް ޝައުޤުހުރި ފަރާތްތަކުގެ ހުނަރު ކުރިއެރުވުމަށް ލިބިގެންދާނެ ފަހި ފުރުސަތަކަށް ވާނެއެވެ.

އައްޑުއަކީ ހުނަރުވެރި ކުޅުންތެރިން ގިނަ ސިޓީއަކަށްވެފައި ރާއްޖޭގެ ޤައުމީ ޓިމުގައިވެސް ނިސްބަތުން އައްޑޫގެ ކުޅުންތެރިން ގިނައެވެ. ފުޓްބޯޅައިގެ ތާރީޚަށް ބަލާލި ކަމުގައި ވިޔަސް އައްޑޫ ފާހަގަ ވެފައިވަނީ އަލިގަދަ ތަރިންތަކެއް ފިޔަޖެހި އަތޮޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭ އައްޑޫގެ ފުޓްބޯޅަ ވަނީ ވަޅުޖެހި ފަނޑުވެފައެވެ. މިފެށޭ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕާއެކު ފަނޑުވަމުންދާ އައްޑޫގެ ފުޓްބޯޅައަށް އާރޯކަން އަންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.