ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަ ކުރެއްވީ ޝުޖާޢު ޢުސްމާނަށް މަރުގެ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މ. މާފުށިންނެވެ. ހައްޔަރުކޮށްފައިވަނީ ކާކު ކަން އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
އިސްފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލަ މިއަދު ހައިކޯޓުންވެސް ވަނީ ކުށްވެރިކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝުޖާއު އުސްމާނަށް އިއްޔެ މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ބަޔާނުގައި ބުނެފައި ވެއެވެ.
“ހައިކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.” ހައިކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.
އިސް ފަނޑިޔާރު ޝުޖާޢު ޢުސްމާނަށް މަރުގެ އިންޒާރު ދިނީ މާފުށީ މެޖިސްޓްރޭޓު ކޯޓުގެ މުވައްޒަފުންތަކަކާ އެއްކޮށް ކޮފީއެއްގައި އިންނަވަނިކޮށް އެތަނަށް ދިޔަ މީހެކެވެ. އޭނާ ވަނީ ފަނޑިޔާރު ޝުޖާއު އަށް ހަމަލާދީ މަރާލާނެ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން އެ މައްސަލަ ފަނޑިޔާރު ޝުޖާއު ވަނީ ފުލުހުންނަށް ހުށަހަޅުއްވައިފައެވެ.
ފަނޑިޔާރު ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް މީގެ ދެއަހަރު ކުރިން ވެސް ފުލުހުން ތަޙްޤީޤު ކުރިއެވެ.
ފަނޑިޔާރު ޝުޖާއުއަކީ މެޖިސްޓްރޭޓްކަމާއި ،ހައި ކޯޓު ފަނޑިޔާރެއްގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.