English Edition
Dhivehi Edition
ފުލުހުން މިއަދު ހޯދައިފާ ވެލިބަސްތާތައް- ފޮޓޯ ޕޮލިސް

އައްޑޫ ސިޓީގެ ހިތަދޫގެ އަތިރިމަތިން ނަގާފައި ފޮރުވާފައި ހުރި ވެލިބަސްތާތަކެއް، ފުލުހުން މިއަދު ހޯދައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު ހިތަދޫގެ ޕޮލިސް ސްޓޭޝަނުން ރަށުތެރޭގައި ޕެޓްރޯލްކުރަމުން ދިޔައިރު ފޮލެންޑް ސަރަހައްދު އަތިރިމަތިން ވެލިނަގާ ފޮރުވާފައި ހުއްޓާ ފެނުނު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އެސަރަހައްދު ބަލައި ފާސްކޮށް 122 ވެލި ބަސްތާ ފޮރުވާފައި ހުއްޓާ ހޯދާފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުނުކުރާ ކަމަށާއި އެ މައްސަލަ މިހާރު އިތުރަށް ތަހްގީގްކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަތިރިމަތިން ވެލި ނެގުމަކީ މަނާ ކަމެއް ނަމަވެސް އައްޑޫގައި ގިނަ ބަޔަކު ވެއްޔާއި ކަށިވެލި އަދި އަކިރި ވެސް އަތިރިމަތިން ނަގައެވެ. އަދި އެފަދަ ތަކެތި ނަގައިގެން ވިއްކައިގެން އާމްދަނީ ހޯދާ މީހުން ވެސް މަދެއް ނޫނެވެ.