“ރަން އިން އައްޑޫ”ގެ ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހަމަޖައްސައިފިއެވެ.
ޓީއެފްޖީން އިސްނަގައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން “ރަން އިން އައްޑޫ” ގައި މި ދެ ކުންފުނީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި މިހާރު، ގަން އިންޓަރ ނޭޝަނަލް އެއާޕޯޓް، ސޮނީ ސްޕޯޓްސް، އަދި ޕްރިންޓް ލެބް ވަނީ ހަމަޖައްސާފައެވެ. މިއަދު ޓީއެފްޖީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ޕާޓްނަރުންގެ ގޮތުގައި ސޮއިކުރުމަށްފަހު މޯލްޑިވިއަންއިން ބުނެފައިވަނީ، ” ރަން އިން އައްޑޫ” އާއި ގުޅުވައިގެން އައްޑުއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފެއާއެއް ހުޅުވާލާނެކަމަށެވެ. އަދި މިފަދަ ކަމެއްގައި ބައިވެރިވުމަކީ މޯލްޑިވިއަނަށް ލިބިގެން ދިޔަ ހިތް ހަމަޖެހުމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެމްޕީއެލް އިން ބުނެފައިވަނީ މި ހަރަކާތުން އެ ކުންފުނިން ބައިވެރިވާން ނިންމީ، އެ ކުންފުންޏަކީ އައްޑޫގައި ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏަށް ވީތީ އާއި އެކު މިފަދަ ބޮޑު ކަމެއް ކުރިއަށްދާއިރު ކޮންމެހެންވެސް އެ ކަމުގައި އެކުންފުނީގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ޖުމުލަ ހަތަރު ބައެއް ހިމެނޭ ދުވުން އައްޑޫގައި ކުރިއަށްގެންދާއިރު ދުވުމުގެ ތެރެއިން އައްޑޫގެ ރީތިކަމާއި އައްޑޫގެ ސަގާފަތް އެންމެ ފުރިހަމައަށް ފެންނާނެހެން ގިނަ ހަރަކާތްތަކެއް ކުރުމަށް ރާވާފައިވާއިރު މިއީ މިފަދަ ބޮޑު ދުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އައްޑޫގައި ކުރިއަށްގެންދާ ރޭހުގައި ޖުމުލަ 300 ބައިވެރިން ބައިވެރިވާނެ ކަަމަށް ޓީއެފްޖީއިން މައުލޫމާތު ދެއެވެ.
ޓީއެފްޖީގެ ހަތްވަނަ އަހަރީ ދުވަހާ ދިމާކޮށް “ރަން އިން މޯލްޑިވްސް” ގެ ނަމުގައި ފެށި ސިލްސިލާގެ ދަށުން އައްޑޫގައި ބާއްވާ ދުވުން އޮންނާނީ ސެޕްޓެމްބަރު 15 އަދި 16 ވަނަ ދުވަހު އެވެ. “ރަން އިން މޯލްޑިވްސް” ގެ ދަށުން އައްޑޫގައި ބާއްވާ “ރަން އިން އައްޑޫ” ދުވުމުގެ އިތުރުން ޓީއެފްޖީން ވަނީ “ރަން އިން ލާމު” ގެ ނަމުގައި ލ. އަތޮޅުގައިވެސް ދުވުމެއް ބޭއްވުމަށް ނިންމާފައެވެ. ލ. އަތޮޅުގެ ހަރަކާތް އޮންނާނީ 2018ވަނަ އަހަރުގެ ޖެނުއަރީ 26 އަދި 27 ގައެވެ.