English Edition
Dhivehi Edition

އަންނަ ސެޕްޓެމްބަރުމަހު 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ “ރަން-އިން އައްޑޫ 2017” މާލޭގައި އިފްތިތާހު ކޮށްފިއެވެ. އެ ހަރަކާތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤާއި، ބައެއް ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރަށް މިރޭހުގެ ކޮންސަލްޓަންޓް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު މަރުޒޫޤު (މަރޭ) އާއި، ޓީ.އެފް.ޖީގެ ޑިރެކްޓަރު ޙުސައިން ޒިނާންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ޓޯޓަލް ފިޓްނަސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ޓީ.އެފް.ޖީ) އިން އިންތިޒާމްކޮށްގެން އައްޑޫސިޓީގައި ބާއްވާ ދުވުމުގެ ރޭހެކެވެ. މިރޭހަކީ “ރަން-އިން-މޯލްޑިވްސް” ގެނަމުގައި ޓީ.އެފް.ޖީ އިން އިސްނަގައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ދުވުމުގެ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މިހަރަކާތްތައް ހިންގުމުގެ ބޭނުމަކީ ކަސްރަތާމެދު އާންމުން އިތުރަށް ހޭލުންތެރިކޮށް ދުޅަހެޔޮ އާބާދީއެއް ރާއްޖޭގައި އާލާކުރުން ކަމަށް ޓީ.އެފް.ޖީ އިން މަޢުލޫމާތު ދެއްވާފައިވެއެވެ. މިހަރަކާތް ބާއްވާނީ ސެޕްޓެމްބަރު 15 އިން 16 އަށެވެ. މިހަރަކާތް އިންތިޒާމް ކުރުމުގައި މަޝްވަރާ ކުރުމަށް ޓީ.އެފް.ޖީ ގެ ޓީމެއްވަނީ އައްޑުއަށް ޒިޔާރަތްކޮށް އައްޑޫސިޓީ ކައުންސިލާ ބައްދަލުކޮށް ކައުންސިލްގެ ލަފަޔާ އިރުޝާދު ހޯދައިފައެވެ. އޭގެ އިތުރަށް އައްޑޫގައި މަސައްކަތްކުރާ ފުލުހުންނާއި، ސިފައިންނާއި، ދިވެހިރެޑުކުރެސެންޓާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާވެސް ވަނީ ބައްދަލުކޮށްފައެވެ. މި ހަރަކާތް ކުރިއަށްގެންދާ ރޫޓުގައި ޖުމްލަ 10 ސްޓޭޝަން ބަހައްޓާނެއެވެ. އެއިން ކޮންމެ ތާކުން ފެނާއި ފަސްޓްއެއިޑް ޚިދުމަތް ލިބޭނެއެވެ.