English Edition
Dhivehi Edition

އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ނިއުޔޯކަށް މިއަހަރު ކުރެއްވި ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ކަންތައްތައް ކުރިޔަށްގެންދިޔުމުގައި ކަންކުރަންވީ އެންމެ ރަނގަޅު އުޞޫލުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ސަރުކާރާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ބާއްވާ މަސައްކަތު ބައްދަލުވުމެއް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަށްޓަވައިފިއެވެ.

އެ އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ ފަދަ ދެމެހެއްޓެނިވި ، ރައްކާތެރިގޮތަކަށް ކަން ކަށަވަރުކޮށްގެން ކަމުގައި ބަޔާންކޮށްފައިވެއެވެ.

މި ހިނގާ ޑިސެންބަރު މަހުގެ 12 އިން 15 އަށް ކުރިޔަށް ގެންދާ ދެ ދުވަހުގެ އެ މަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާގެ ޙިއްޞާދާރުންގެ ޚިޔާލު ޙިއްޞާކުރުމަށް އެފަރާތްތަކަށް ވަނީ ދަޢުވަތުދެއްވާފައެވެ. އެ އެއްބަސްވުމުގައިވާގޮތައް ކަނޑުތަކާބެހޭ ދިރާސާތައްކުރުމަށާއި، ކަނޑުފަޅުގެ ބައެއް ސަރަޙައްދުތައް ރައްކާތެރިކުރުމަށާއި، މެރިޓައިމް ސްޕޭޝާލް ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

އެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ފިޝަރީޒާއި މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާއި މެރިން ރިސަރޗް އިންސްޓިޓިއުޓާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޮތޯރިޓީއާއި ވެއިޓް އިންސްޓިޓިއުޓާއި ޕާޓްނަރޝިޕް އޯގަނައިޒޭޝަނާއި ސްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޮލޮޖީއާއި ޕްރިސްޓިން ސީސްއާއި ނެކްޓަން އިން ބައިވެރިވެފައިވެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަނުގެ މައިގަނޑު މަޤުޞަދަކީ އެ ޖަމާޢަތުގައި ބައިވެރިވެފައިވާ ޤައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުތައް ރައްކާތެރި ކުރުމެވެ.