English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީހެއް ހުޅުވައި އެ ތަނުން ހިދުމަތް ދޭން ފަށައިފިއެވެ.

ހުޅުމީދޫ ގައި މިއަދު ރަސްމީކޮށް ހިދުމަތް ދޭން ފެށި މިރާ އޮފީސް ގާއިމްކޮށްފައިވަނީ އެސްޓިއޯ ހުޅުމީދޫ އިމާރާތުގެ ދެވަނަ ފަންގިފިލާގައެވެ. ހުޅުމީދޫ ގައި ހުޅުވިގެން ދިޔަ އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެއެވެ. މިގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ 29 ވަނަ ރަސްމީ ޖަލްސާގައި ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ، މިރާ އޮފީހެއް ހުޅުމީދޫގައި ގާއިމްކޮށްދެއްވުމަށް އެދި ހުށަހެޅުއްވި މައްސަލައާއި ގުޅިގެން އޭރު މީރާއިން ވެސް ވަނީ 2017 ވަނަ އަހަރު ޑިސެމްބަރު މަހު ހުޅުމީދޫގައި މީރާގެ އޮފީހެއް ހުޅުވޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް މީރާ އިން ޚިދުމަތް ހޯދަމަށްޓަކައި ކަނޑު ހުރަސްކޮށް ހިތަދޫ އަށް ދަތުރު ކުރަން ޖެހުމާއިއެކު އެކަމަށް ހިނގާ ޚަރަދު ތަކުގެ ސަބަބުން އެ މައްސަލައަށް ހައްލެއް ހޯދުމަށް މީރާގެ އޮފީހެއް ވީހާވެސް އަވަހަކަށް ހުޅުދޫ ނުވަތަ މީދޫގައި ގާއިމްކުރަންޖެހޭ ކަމަށް އޭރު އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ.

2017 ވަނަ އަހަރު މިރާގެ އޮފީހެއް ހުޅުމީދޫގައި ގާއިމްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފައިވާއިރު ދިމާވި އެކި ސަބަބުތަކާއެކު ފާއިތުވެދިޔަ ދެ އަހަރުވެސް މިރާގެ އޮފީހެއް ހުޅުމީދޫގައި ގައީމް ކުރެވޭ ގޮތްވަނީ ނުވެފައެވެ.

މިއަދު ހުޅުވިގެން ދިޔަ މީރާ ހުޅުމީދޫ އޮފީހާއެކު ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާއިރު މިއަދުވެސް އެ އޮފީހުން މި ދެ އަވަށުގެ ގިނަ ރައްޔިތުން ވަނީ ހިދުމަތް ހޯދާފައެވެ.