English Edition
Dhivehi Edition

ލިޔުނީ: އާމިނަތް އީމަން

ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އައްޑޫސިޓީގެ ސްކޫލްތަކަށް އަމާޒުކޮށްގެން “ޔަންގް ހިއުމަން ރައިޓްސް ޑިފެންޑާރސް ކޭމްޕް” ގެ ނަމުގައި އިއްޔެ ކޭމްޕެއް ބާއްވައިފިއެވެ.

ކޭމްޕްގައި ޖުމްލަ ހަ ސްކޫލަކުން ބައިވެރިވެފައިވެއެވެ. އެއީ ފޭދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، މަރަދޫ ސްކޫލް، ނޫރާނީ ސްކޫލް، ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލެވެ. މިކޭމްޕް އިންތިޒާމްކޮށްފައިވަނީ ހިތަދޫ ސްކޫލުގައެވެ.

މި ކޭމްޕްގެ ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރީ އިސްމާއިލް ސަފާހަތު، އައިޝަތު ޝަޒްލީން މޫސާ، ސުނީ ނަސްރުއް ﷲ ހަމީދު އަދި އައިމިނަތު ރީނާއެވެ.

ގާތްގަނޑަކަށް 10 ގަޑިއިރުގެ މިކޭމްޕްގެ ޒަރިއްޔާއިން ދަރިވަރުންނަށް ކުޑަކުދިންގެ ހައްގުތަކާއި އެހައްގުތަކާއެކު އެކުދިންގެ މައްޗަށްވާ ޒިންމާތައް ކިޔައިދެވުނެވެ. އަދި ގިނަ ހަރަކާތްތައް ހިންގުނީ ކުދިން ގަޔާވާ ގޮތަށް، ކުޅިވަރު ނުވަތަ ގޭމްސްތަކެއްގެ ގޮތުގައެވެ.

މީގެއިތުރުން މި ކޭމްޕް ނިންމުމުގެގޮތުން ކުޑަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަރަދޫ ފޭދޫ ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ހަފްސާއެވެ. މި ކޭމްޕްގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށްވެސް ވަނީ ބައިވެރިވިކަމުގެ ސެޓްފިކެޓެއް އަރުވާފައެވެ. ކޭމްޕްގައި ބައިވެރިވި ހުރިހާ ދަރިވަރުންނާއި މުހާތަބުކުރަށްވަމުން ޝަރަފްވެރި މެހްމާން ވިދާޅުވެފައިވަނީ މި ކޭމްޕުން ދަސްވީ ހުރިހާ ކަންކަން އާންމު ދިރިއުޅުމުގައި ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. އަދި ކޮންމެ ހައްގަކާއި ވިދިގެން އަންނަ ޒިންމާތައް ނެގުމަކީވެސް އެހާމެ މުހިއްމު ކަމެއް ކަމުގައި އެކަމަނާ ފާހަނގަކުރަށްވާފައިވެއެވެ.

ކޭމްޕް ނިމިގެންދިޔައިރު ކުދިންނަށް އިންސާނީ ހައްގުތަކާއި ބެހޭގޮތުން މީގެކުރިން ނޭގޭ އެތައް ކަމެއް ދަސްވެގެން ދިޔަކަމަށް ބައިވެރިން ބުންޏެވެ. އަދި ވަރަށް ގިނަ އާ މޫނުތަކަކާއި ބައްދަލުވެ އާ ރަހްމަތްތެރިން އުފައްދާފައިވާކަމަށް ވެސް ދަރިވަރުން ކިޔައިދިނެވެ.