އުއްތަމަ ފަނޑިޔާރުކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު. އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަނައިބު، ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ނަންފުޅު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.
މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ބެންޗަށް ޢައްޔަންކުރުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވާ، ދެ ބޭފުޅުންގެ ނަންފުޅުވެސް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައިވާކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް މުޢުތަޞިމާއި ޙުސްނުއްޞުއޫދުގެ އިތުރުން ޢަބްދުއްރައޫފް އައްޔަންކުރުމާއި ގުޅޭ ގޮތުން ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން އެ ކޮމިޝަނަށް ރައީސް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޖޭއެސްސީ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވަލި ފުރުސަތުގައި އެކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންފުޅުތަކާއެކު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤަމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓް ކުރެވުނު ބޭފުޅުންނާއި އިންޓަވިއު ކުރުމަށް އެކުލަވަލި ކޮމިޓީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓް އެ ކޮމިޝަނަށް ބަލައިގަތުމަށް ރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި މުޢުތަޞިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުޢޫދަކީ “ހައިލީ ރިކޮމެންޑެޑް” ބޭފުޅުންގެ ގޮތުގައި ރައީސް ސޯލިހު އަށް މަޝްވަރާދިނުމަށް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، ރައީސް ޖޭއެސްސީ އަށް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހިމް (މއ. ވޭސައިޑް 410)އާ ގުޅޭގޮތުން ތިން ޝަކުވާއެއް އިއްޔެ އެ ކޮމިޝަނަށް ލިބިފައި ވާތީ، އެ ޝަކުވާތަކާމެދު ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާމެދު ރައީސް އަށް މަޝްވަރާ ދިނުމަށްވެސް ރޭ އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.