English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން އާއި ހަވާލުކުރަން ސަރުކާރުން ނިންމަވައިފިއެވެ. ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި މަޝްރޫގެ މަސައްކަތް ލަންކާ ކުންފުންޏަކާއި ހަވާލުކުރަން ނިންމީ އިއްޔެގައި ކަމަށެވެ. ހުޅުމީދޫގެ ނަރުދަމާގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވާ މި ކުންފުނިން މީގެ ކުރިންވެސް ރާއްޖޭގެ ވަރަށް ގިނަ މަޝްރޫއުތައް ވަނީ ހިންގާފައެވެ. ސިއެރާ ކޮންސްޓްރަކްޝަން އަކީ ސްރީލަންކާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. އެކުންފުނި އުފެދުނީ 1981 ވަނަ އަހަރުއެވެ. އެކުންފުނިން ވަނީ މީގެ ކުރިން ވެސް ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ އިތުރުން މަގުތައް ހެދުމުގެ ވަރަށް ގިނަ މަޝްރޫޢުތައް ވެސް ކުރިއަށް ގެންގޮސްފައެވެ. ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކޮށް، ނިންމާނެ ކަމަށް މީގެ ކުރިން ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. ހައުސިން މިނިސްޓަރގެ ނައިބު ޢަބްދުﷲ މުއްތަލިބް މިދިޔަ އަހަރު އޮގަސްޓްމަހުގައި ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫއުގެ ދަށުން މިހާރުވެސް އެކި ރަށްރަށުގައި ޢަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. އައްޑޫގެ މަގުތައް ތަރައްޤީ ކުރެއްވުމުގެ މަޝްރޫއެއް 2015 ވަނަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ހައުސިން މިނިސްޓްރިއިން ބުނެއެވެ. އެ މަޝްރޫޢުގެ ދަށުން، އައްޑޫސިޓީ ހިތަދޫ އަދި ފޭދޫގެ ބައެއް މަގުތައް ވަނީ ތަރައްޤީ ކޮށްފައެވެ. އަދި މިހާރުވެސް އައްޑޫގެ ބައެއް ރަށްތަކުގެ މަގުތައް ހެދުމުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް ދާ ކަމަށް މިނިސްޓްރީން ބުނެއެވެ.