English Edition
Dhivehi Edition

ބިއުޓީ އެންޑް ހެއާ ކެއާއާއި ތެރަޕިއުޓިކް މަސާޖަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ޚިދުމަތް ދެމުން އަންނަ މަޝްހޫރު “ވެލްނެސް ސެންޓަރ ބައި ނިޝީ” އިން އައްޑޫ ސިޓީގެ ފޭދޫގައި އެތަނުގެ ޚިދުމަތް ދޭ ގޮތަށް ނިންމައިފިއެވެ.

ފޭދޫ ބޮޑުމަގުގައި ހުންނަ “އޯސިސް” މަލްޓި ޕާޕަސް އިމާރާތުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި ސެންޓަރ އަންނަ ޑިސެމްބަރު މަހުގައި ހުޅުވޭނެ ކަމަށް ވެލްނެސް ސެންޓަރ ގެ ފައުންޑަރ އަދި އެމްޑީ އާމިނަތު ނިޒްނާ ބުންޏެވެ.

ވެލްނެސް ސެންޓަރުން ހުޅުމާލޭގައި އަންހެނުނާއި ފިރިހެނުން އަދި ކުޑަކުދިންނަށް ވެސް ތަފާތު ހިދުމަތްތަކެއް ދެއެވެ. އެގޮތުން ތެރަޕިއުޓިކް މަސާޖާއި ބިއުޓީ އެންޑް ހެއާ ކެއާ، މޭކްއަޕާއެކު ތަފާތު ޕެކޭޖްތައް ހިމަނާފައި ވެއެވެ. އަދި މާބަނޑު މީހުންނަށް ހާއްސަ ހިދުމަތްތައް ދޭއިރު ސްޕޯޓްސް އިންޖަރީތަކުގެ މަސާޖު ވެސް ދެއެވެ.

“ބްރޭންޑެޑް ސާމާނު އައްޑޫން ލިބުން ދަތިކަމަށް ގިނަ ޒުވާނުން ބުނަނީ. އަދި ފެންވަރު ރަނގަޅު ބްރޭންޑެޑް ސާމާނު ބޭނުންކޮށްގެން ސެލޫންގެ ޚިދުމަތް ހޯދަން ބޭނުންވެފައިވާ ދެ ޖިންސުގެ ޒުވާނުން އެބަތިބި އައްޑޫގައި. އެފަދަ ފަރާތްތަކަށް ޚާއްޞަކޮށްގެން އަތްފޯރާ ފަދަ އަގެއްގައި ޚިދުމަތް ދެވޭތޯ މި ބަލަނީ. އަދި ބިއުޓީ އާއި ހެއަރ ކެއާރ ގެ ޚާއްޞަ ތަޖުރިބާކާރުންގެ ޚިދުމަތް، އަމިއްލަ ރަށުގައި ތިބެގެން ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ލިބޭނެ ގޮތް ހަދައިދޭން ބޭނުންވަނީ” ނިޒްނާ ކިޔައިދިނެވެ.

މީގެ އިތުރުން ކައިވެނި ހަފްލާތަކަށް މޭކަޕްކޮށްދިނުމާއި ރީތިވުމަށް ބޭނުންވާ ބްރޭންޑެޑް ސާމާނު ވެސް މި ސެންޓަރުން ލިބެން ހުންނާނެ ކަމަށް ނިޒްނާ ބުންޏެވެ.

ހުޅުމާލޭގައި ހުޅުވައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ މަގުބޫލުކަން ހޯދި “ވެލްނެސް ބައި ނިޝީ” ގެ ކޮންސެޕްޓަކީ ތަފާތު ކޮންސެޕްޓެކެވެ. އެންމެ ހާއްސަ ކަމަކީ ކްލަޔަންޓުންނަށް ދީފައި އޮންނަ ޕްރައިވެސީއެވެ.

އެތަނުގައި ހިދުމަތްދޭއިރު ފްރީ ވައިފައި، ކޮފީ ޖޫސް ލިބެއެވެ. އަދި އަންހެން ބޭފުޅުން، ނުވަތަ މަންމައިން ޚިދުމަތް ހޯދަން އަންނައިރު ކުދިން ގޮވައިގެން ދިއުމުގެ ފުރުސަތު ލިބެއެވެ. އެކުދިންނަށް އެތަނުގައި ތިބެގެން އާޓް ކްރާފްޓެއް ހަދާލުމަށް ނުވަތަ އައިސްކްރީމާއެކު ބޭނުންވާ ޓީވީ ޝޯއެއް ބަލާލުމުގެ ފުރުސަތު ވެސް ދެއެވެ. ނިޒްނާ ބުނީ މި އައިޑިއާ އަކީ ޚިދުމަތް ހޯދަން އަންނަ މަންމައިންގެ އިތުރުން ކުދިންނަށް ވެސް ވަރަށް ގަޔާވާ ކަމެއް ކަމަށާއި އެކި ކުދިން ހަދިޔާކޮށްފައިވާ އެ ކުދިންގެ އާޓް އަދި ކްރާފްޓް ފްރޭމްކޮށްފައިވާ ފާރުގައި ހަރުކޮށްފައި ބަހައްޓައިދީވެސް ހަދާ ކަމަށެވެ.

އަމިއްލަ އުފަން ރަށުގައި ވިޔަފާރި ފުޅާކޮށް ޚިދުމަތް ދިނުމުގެ ނިޔަތުގައި ނިޒްނާގެ ވެލްނެސް ސެންޓަރ އައްޑޫގައި ފަށާއިރު މިއީ އައްޑޫގެ ޒުވާންކުދިންނަށް ލިބިގެންދާނެ އުފާވެރިޚަބަރަކަށް ވާނެއެވެ. މިއީ ނިޒްނާގެ އާއިލާއާއި ގާތް ރަޙްމަތްތެރިންގެ ފުރިހަމަ ސަޕޯޓާއި އެހީތެރިކަމާއެކު ވިޔަފާރިއަށް ގެނެވޭ އިތުރު ކުރިއެރުމެއް ކަމަށް ނިޒްނާ ބުންޏެވެ.