English Edition
Dhivehi Edition

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ނައިބް ރައީސްގެ މަޤާމަށް ޝިފާޒް އިންތިޚާބުވެވަޑައިގެންފައިވަނީ 13،815 ވޯޓު ލިބިގެންނެވެ. އަސްލަމަށް ލިބިވަޑައިގެންފަނީ 10،840 ވޯޓެވެ.

އެޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީން މިރޭ އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފެންނަކަމަށް 24،202 މީހުން އަދި ނުފެންނަ ކަމަށް 421 މެންބަރުން ވަނީ ވޯޓު ދީފައެވެ.

މި ނަތީޖާ އިޢުލާން ކުރެވުނު މި ދަނޑިވަޅުގައި އިންތިޚާބު ގައި ނާކާމިޔާބީއާއި ކުރިމަތިވެ ވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ވޯޓުގެ ނަތީޖާ ޤަބޫލު ނުކުރައްވާ 11 ކަމަކާއެކު މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީއަށް ހުށަހަޅައިފައެވެ. އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް މީހަކު ހޮވަން މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ބަލައި ނުގަންނަ ކަމުގައި ވިދާޅުވެ އަސްލަމް އެ މައްސަލަ ހުށަހަޅާފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. އަސްލަމްގެ ކެމްޕޭން އޮފީހުން ތުހުމަތުކޮށްފައިވާ ގޮތުގައި، ވޯޓުލުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ޝައްކު ކުރެވޭ ފަދަ އެތައް ކަމެއް ވަނީ ހިނގާފައެވެ. އެހެންނަމަވެސް މިއީ އެތެރޭގެ އިންތިޚާބަކަށްވެފައި އެމްޑީޕީ އިން ވަކި ގޮތަކަށް ނިންމަންދެން އެއީ ކޮން މައްސަލަތަކެއް ކަން ހާމަ ކުރަން އަސްލަމް ބޭނުންފުޅު ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ އިންތިހާބުގައި ޖުމްލަ، 23،613 މެންބަރުން ވޯޓްލާފައިވާއިރު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ދެވަނަ ދައުރަކަށް މުހައްމަދު ޝިފާޒް ހޮވިފައިވަނީ 13،815 ވޯޓު ހޯއްދަވައިގެންނެވެ. އަސްލަމްއަށް ލިބިލެއްވީ، 10840 ވޯޓެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އިންތިޚާބުގައި ހޮވި ނައިބް ރައީސުގެ މަޤާމު ދިފާޢު ކުރުމަށްޓަކައި އަސްލަމްވަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުޅާ ކެމްޕޭނެއް ކުރައްވާފައެވެ. އަސްލަމްގެ ކެމްޕޭން ޙަރަކާތުގެ ތެރެއިން މި ސަރުކާރުގެ އިސް ބޭފުޅުންނާއި ގިނަ މަޖްލިސް މެންބަރުންތައް އެމަނިކްފާނަށް ތާއީދު ކޮށް ކެމްޕޭން ޙަރަކާތުގައި ވަނީ ބައިވެރިވެފައެވެ. އަސްލަމް އަކީ ރައީސް ނަޝީދާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއްކަމުން ރައީސް ނަޝީދާއި އެމަނިކްފާނުގެ ކެމްޕޭންޓީމުންވެސް ފެނިގެން ދިޔައީ އަސްލަމް އަށް ތާއީދުކޮށް ވާހަކަ ދެއްކެވި މަންޒަރެވެ.

ރައްޔިތުންގެ މަޖްލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރު ގެ ގޮތުގައި ވެސް ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް އަކީ ގިނަ ބައެއްގެ ތާއީދާއި ލޯބި ލިބިގެން އެންމެ ގިނަ ވޯޓާއެކު ރައްޔިތުންގެ މަޖްލީހުގެ ގޮނޑި ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވި ބޭފުޅާއެވެ. އެމްޑީޕީ ގެ އިސް މަޤާމްތަކުގައި ދެގޮތެއް ނުވެ ހުންނެވުމަށްފަހު 19 ވަނަ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އޭނާ ފައިނެންގެވިއެވެ. އެހެންނަމަވެސް ޕާޓީގެ މަސްލަހަތަށް އިސް ކަންދެއްވައި އެ މަގާމަށް އެންމެ އެކަށޭނަ ބޭފުޅަކީ ރައީސް ނަޝީދުކަމަށްވިދާޅުވެ އޭނާވަނީ އެމަޤާމަށް ވާދަކުރެއްވުން ދޫކޮށްލައްވާފައެވެ.

މި އިންތިޚާބުގައި އަސްލަމްގެ ނާކާމިޔާބީއާއި ގުޅިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ ބޮޑެތި ބަހުޘުތަކެއް ކުރެވެމުންނެވެ. މިއީ އައްޑޫގެ ރައްޔިތަކަށް ވީތީ މި ސަރުކާރުގެ ވެސް އަދި ވެރިކަންކުރާ ޕާޓީގެވެސް އިސް އެއްވެސް މަޤާމެއް ނުދިނުމަށް ގަސްތުގައި އޮޅުވާލާފައިވާ އޮޅުވާލުމެއްކަމަށް އެއްބަޔަކު ބުނަމުން އަންނަ އިރު މިމަޤާމަށް އެންމެ އެކަށީގެންވަނީ ވެސް އެމްޑީޕީއާއިގެން ދެގޮތެއް ވަރުބަލިކަމެއްނެތި ދެމިހުންނެވި ޝިފާޒުކަމަށް ވަކާލާތު ކުރާމީހުންއެކަމަށް ބާރުލިބޭހެން ވާހަކަ ދައްކަމުން ދެއެވެ.

އަސްލަމްގެ ނާކާމިޔާބީއާއެކު އައްޑޫސިޓީގެ ރައްޔިތުންގެ ތެރޭގައިވެސް ވަނީ ސިޔާސީ އަޑު ގަދަވެފައެވެ. ބޯމަތީގައި އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތަފާތު ނަން ނަން ހުށެހެޅެމުން އަންނަ މި ދަނޑިވަޅުގައި އިދިކޮޅުން އަންނަ ބަހުގެ ޙަމަލާތައް ހޫނުވެ ވަރުގަދަވެފައިވެއެވެ.