English Edition
Dhivehi Edition

މަޝްހޫރު ލޯންޖަރީ ފެޝަން ބްރޭންޑެއް ކަމުގައިވާ ވިކްޓޯރިއާސް ސީކްރެޓްގެ އަހަރީ ފެޝަން ޝޯ، ޓީވީ ރޭޓިންތައް ދަށްވުމާއި މީހުންގެ ފާޑުކިޔުންތަކުގެ ސަބަބުން ކެންސަލްކޮށްފި އެވެ.

1995 ވަނަ އަހަރު ލޯންޗްކުރި އެ ޝޯ އަކީ މީގެ ކުރިން ކޮންމެ އަހަރަކުވެސް އެތައް މިލިއަން މީހުން ބަލަމުން އައި، ވަރަށް ބޮޑު އިވެންޓެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ޝޯ އަކީ މުސްކުޅިވެ، ވަކި ޖިންސަކަށް ބުރަވެފައިވާ ޙަރަކާތެއް ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޝޯ އަކީ މިހާތަނަށް ބޭއްވި ހުރިހާ ޝޯތަކުގެ ތެރެއިން އެންމެ ޜޭޓިންގ ދަށް ޝޯއެވެ.

އެ ބްރޭންޑް ހިންގާ ކުންފުނި ކަމުގައިވާ އެލް ބްރޭންޑްސް އިން ބުނީ ވިކްޓޯރިއާސް ސީކްރެޓްގެ މާކެޓިންގ ސްޓްރެޓެޖީ ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ، ސްޓުއާޓް ބާރޑޮއެފަރ ބުނީ ބްރޭންޑް އިތުރަށް ކުރިއަރުވައި ކަސްޓަމަރުންނާއި ރަނގަޅު ގުޅުމެއް ޤާއިމްކުރެވޭނީ ކޮން ގޮތަކުންކަން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ބުނީ އަހަރީ ފެޝަން ޝޯއަކީ އެ ބްރޭންޑްގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި، އެއީ ބްރޭންޑް މާކެޓްކުރުމުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އައި ވިކްޓޯރިއާސް ސީކްރެޓް ފެޝަން ޝޯގައި ދުނިޔޭގެ އެންމެ މަޝްހޫރު ސުޕާމޮޑެލުންނާއި، އެންމެ ފަހުގެ އަދި އެންމެ ރީތި ލޯންޖަރީ ފެނިގެންދެ އެވެ. އެ ޝޯ އަކީ ޓައިރާ ބޭންކްސް އާއި ހައިޑީ ކްލޫމް އަދި މިރަންޑަ ކާރ ފަދަ ސުޕާމޮޑެލުންގެ ކެރިއަރުގައި ވަރަށް މުހިންމު ރޯލެއް އަދާކުރި ޙަރަކާތެކެވެ.

ޒަމާނާއެކު ތަހުޒީބުވެ ބަދަލުވަމުންދާ ވިސްނުމުގެ ސަބަބުން ބްރޭންޑްގެ ވިޔަފާރިއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ވިކްޓޯރިއާސް ސީކްރެޓްގެ ވިޔަފާރި ދަށްވުމުގެ އަސަރު ވަނީ އެލް ބްރޭންޑް އަށްވެސް ކޮށްފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި އާންމުކުރި އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 252 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ.

މިދިޔަ އަހަރު ވޯގް އަށް ދިން އިންޓަވިއުއެއްގައި ވިކްޓޯރިއާސް ސީކްރެޓްގެ ކުރީގެ ޗީފް މާކެޓިންގ އޮފިސަރ އެޑް ރަޒެކް ބުނީ އުފަންވި ޖިންސު ނޫން އެހެން ޖިންސެއް ކަމަށް ޤަބޫލުކުރާ މޮޑެލުންނަށް ފެޝަން ޝޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ. އެކަމާއި ގުޅިގެން އޭނާއަށް ވަނީ ގިނަ ބައެއްގެ ނުރުހުންތެރިކަން އަމާޒުވެފަ އެވެ.

ނަމަވެސް އެ އިންޓަވިއުގައި ދެއްކި ވާހަކަތަކަށް އޭނާ ވަނީ މަޢާފަށް އެދި، މި އަހަރުގެ ކުރީކޮޅު ބްރޭންޑުން އިސްތިއުފާވެސް ދީފައެވެ.