އިޓަލީގެ ލަގްޒަރީ ބްރެންޑް “ގުޗީ” އަކީ ފެޝަން އަދި ލެދާރ އިން ތަކެތި އުފައްދާ ކުންފުންޏެކެވެ. ގުޗީގެ ބްރޭންޑެޑް ތަކެތި ދުނުޔޭގެ ބާޒާރުގެ އެކި ކަންކޮޅުތަކުން ވިއްކަމުން ދާއިރު އެއީ އަގުބޮޑު ބްރޭންޑް އެކެވެ.
މިފަހަރު ގުޗީ އިން ބާޒާރުގައި އަގުބޮޑުކޮށް ވިއްކަމުންދާ ބޫޓަކަށް އެތައްބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ނަމަވެސް އޭގެ ރީތިކަމަކަށް ނޫނެވެ. ބާޒާރުގައި ވިއްކަމުންދާ އެބޫޓަކީ 70އިގެ އަހަރުތަކުގައި ބޭނުންކޮށްފައިވާ ޑިޒައިނަކަށް ބަލައިގެން އުފައްދާފައިވާ ބޫޓެކެވެ. އަދި ފެންނަ ފެނުމަށް ހަޑިވެފައިވާ ނުދޮވެ ހުރި ބޫޓަކާ ވައްތަރު ގޮތަކަށް މިބޫޓު ޑިޒައިން ކޮށްފައިވާ އިރު އެބޫޓުގެ އަގުވެސް އެހާބޮޑެވެ.
ބާޒާރުގައި މި ބޫޓު ވިއްކަމުންދަނީ 900 އެމެރިކާ ޑޮލަރަށެވެ. ގުޗީ އިން މިބޫޓު ބާޒާރަށް ނެރުމާއި އެކީ އެއްބަޔަކު ދަނީ މިބޫޓު އަސްލުވެސް ހުންނަގޮތްތޯ މިއީ ސުވާލު އުފައްދަމުންނެވެ. އެއްބަޔަކު ބުނާގޮތުގައި ހަޑި ވެފައިވާ ބޫޓަކަށް އަރައިގެން އެއްވެސް މީހަކު ގެއިންބޭރަށް ނުނިކުންނަ އިރު އެފަދަ ގޮތަކަށް ޑިޒައިން ކޮށްފައި ވާ މިބޫޓު އެ އަގުގައި ގެނަގެން ބޭނުން ކުރާނީ ކޮންބައެއް ތޯއެވެ. އެހެން ނަމަވެސް ތަފާތު އާވައްވަތަރުގެ ފެޝަނަށް ލޯބި ކުރާ ފަރާތް ތަކުން ބުނަމުންދަނީ އެމީހުން މިބޫޓު އެ އަގުގައި ގަނެގެން ބޭނުން ކުރަން ފަހެއް ނުޖެހޭނެކަމަށެވެ.

މިބޫޓު ޑިޒައިން ކޮށްފައިވަނީ ރަތް، ފެހި އަދި މިލަ ހުދު ކުލައަކުންނެވެ. އަދި ބޫޓުހަޑި ވެފައިވާ ބޫޓެއްކަމަށް ދެއްކުމަށް އެކި ދިމަދިމާލުގަައި މަޑު އަޅި ކުލައަކުން ޑިޒަިންކޮށްފައި ހުރެއެވެ. ފެންނަ ފެނުމަށް ހީވަނީ ވިއްސާރަ ދުވަހެއްގައި މަގުމަތީގައި ހެދިފައިވާ ޗަކަ ތެރެއިން ހިނގާލީމާ ބޫޓު ހަޑިވެފައި ހުންނަ ހެންނެވެ. މި ބޫޓާއި ބެހޭގޮތުން ގުޗީ އިން ބުނެފައިވަނީ މިއީ ހަމަ ތަފާތު ފެޝަނަކަށް ބޫޓު ޑިޒައިން ކޮށްލީކަމަށެވެ.
މިބޫޓު ބާޒާރުގައި ވިއްކަމުންދާއިރު ބޫޓޫ ދޮންނަންޖެހޭ ގޮތުގެ އިރުޝާދު ވެސް ލިޔެފައި ވެއެވެ. އެގޮތުން އޭގައި ލިޔެފައި ވާގޮތުގައި ބޫޓު ސާފު ކުރަން ޖެހޭނީ ބޫޓުގައި ހުންނަ ފެން ހިއްކުމަށްފަހުގައެވެ. އަދި ދޮންނަ އިރު އެއްވެސް ކަހަލަ ކުލައެއް ހިފާކަހަލަ އެއްޗެއް ބޭނުން ނުކުރުމަށް އިރުޝާދުގައި ވެއެވެ.
ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ތަފާތު ޑިޒައިންތަކުގެ ހެދުމާއި ދަބަސް އަދި ބޫޓު ފަދަ ތަކެތި އުފައްދައެވެ. ތަފާތު އާ ފެޝަނަށް ލޯބިކުރާ ފަރާތްތަކަށް މިފަދަފުރުސަތު ލިބޭއިރު އޭގެ އަގަކީ މާބޮޑު އެއްޗަކަށް ނުވެއެވެ. ދާދި ފަހުން މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮފޭޒް އަރައިގެން ހުރި ބޫޓެެއްގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން އެ ބޫޓަށް ހުއްޓުނެވެ. އެބޫޓަކީ އިޓަލީގެ “ވާސޭޗީ ބްރޭންޑް” ކަލެކްޝަން އެކެވެ. އެ ބޫޓަކީ ހީލްއެއް އިންނަ ބޫޓެކެވެ. އެ ބޫޓުގައި ޖީންސްގައި އަޅޫވާ ޒާތުގެ ދެ ބެޓްލްވެސް އަޅުވާފައިވާއިރު، ޖީންސުގެ ޖީބު ހުންނަ ގޮތަށް ޖީބުވެސް ހުރެއެވެ.

ފެޝަނަކީ ހަލުވިކަމާއެކު ބަދަލު ވަމުންދާ އެއްޗެކެވެ. ބައެއް ފަހަރު ކުރީގެ ގޮތްތައް ފެޝަނަށް ވަމުންދާއިރު، އަނެއްބައި ފަހަރު ފެޝަނުގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ މުޅިން އާ ތަފާތު ގޮތްގޮތެވެ.