ފޮޓޯ ނެގުމަކީ މިހާރު ވަރަށް ގިނަ މީހުން ކުރާހިތްވާ ކަމެކެވެ. އާމްދަނީ ހޯދުމަށްވެސް މެވެ. އަދި އަމިއްލަ ހިތްހަމަޖެހުމަށް ކުރާމީހުން ވެސް މަދެއް ނޫނެވެ. ގިނަ މީހަކު ނަގާ ފޮޓޯތައް އެހެންމީހުންނަށް ފެންނަގޮތަށް ރައްކާކުރެވިފައި ހުރެއެވެ. އަދި ގިނަ ދުވަސްތަކަކަށްފަހު އެފޮޓޯތަކަށް ބަލާލުމުން މާޒީ ތަމްސީލްވެގެން ދެއެވެ.
1975 ވަނަ އަހަރު މަޝްހޫރު ފޮޓޯގްރާފަރ ޖޮނަތަން ޓެއިލާ ފެށި މަސައްކަތަކީ މިއަދުގެ ޖީލްތަކުގެ ފޮޓޯގްރާފަރުން ބަލައިގަންނަ ކަމަކަށް ވެފައި ވެއެވެ. ޖޮނަތަން އޭނާގެ ބޭބެގެ އެއްބަނޑު އެއްބަފާ 4 އަންހެން ކުދިންކަމަށްވާ އެމެލީ، ރެޗަލް، ސުސަން އަދި ޖަނެޓް ގެ ގްރޫޕް ފޮޓޯއެއް ނެގިއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެހަތަރު ކުދިންގެ ފޮޓޯ ނަގާފައި ވެއެވެ. އެހެންނަމަވެސް 1984 ވަނަ އަހަރު ޖޮނަތަން މަރުވުމުން އެފޮޓޯނެގުން ހުއްޓުމަކަށް އައެވެ. ނަމަވެސް އެކަން އެގޮތަށް ނުވުމަށްޓަކައި 4 ކުދިން އެކަން އާލާކުރުމަށް ނިންމިއެވެ. އަދި އެއީ އެއާއިލާގެ އާދަކާދައަކަށް ހެދުމަށްވެސް ނިންމިއެވެ. އެހެންނަމަވެސް މިހަތަރު ކުދިން އަމިއްލަ ދިރިއުޅުމެއް އުޅެން ފެށުމުން މިގޮތަށް ފޮޓޯ ނަގެމަށް ބޮޑެތި ގޮން ޖެހުންތަކާއި ކުރިމަތި ލާން ޖެހުނެވެ.
ފޮޓޯ ނެގުން ކުރިއަށް ދަނިކޮށް އަހަރުތަކެއް ފަހުން ޖަނެޓް އަށް ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުން އިތުރު އުނދަގޫތަކާއި ކުރިމަތިވެފައި ވެއެވެ. އެހެންނަމަވެސް ދެންތިބި ތިންބެއިންގެ ހިތްވަރާއި އެކު އޭނާވެސް ހިތްވަރު ދޫކޮށްނުލާ ކުރިއަށް ގޮސްފައިވެއެވެ. ނަތީޖާއަކަށްވީ އޭގެ 2 އަހަރުފަހުން ބައްޔަށް ލުއިކަން ލިބިގެން ގޮސްފައި ވެއެވެ. އެހެންކަމުން އިތުރު ހިތްވަރަކާއި އެކު ފޮޓޯ ނެގުންވެސް ކުރިއަރައިގެން ދިޔައެވެ. އެގޮތަށް 20 އަހަރުވުމުން ލިބުނު އިތުރު ހިތްވަރާއި އެކު ދަރިންނަށް ނަމޫނާ ދެއްކުމަށް އަޒުމްކަނޑައެޅި އެވެ.

މިއާއިލާތެރޭގައި ފެށިގެން އައި މިކުޑަކުޑަ ކަމުގެ ސަބަބުން އާއިލީ ގުޅުން ވަރުގަދަވަމުން ދިޔަކަމަށް އެމީހުން ބުނެފައި ވެއެވެ. އެގޮތުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާވެ އަދި ވިޔަފާރީގައި އެންމެން އެކުގައި އުޅެން ފެށުމުގެ ސަބަބުން އިސާހިތަކު ވިޔަފާރި ކުރިއަރައި އެމީހުން މަޝްހޫރުވާން ފަށާފައި ވާކަމަށެވެ. އެގޮތުން ޑޭކެއަރ ސެންޓަރެއް ހުޅުވައި އެތައް ކުދިންތަކަކަށް ހިދުމަށް ދިނުމާއި، އެކި ޖަމިއްޔާ ޖަމާއަތްތަކަށް ފައިސާގެ އެހީތެރިކަން ދިނުމާއި އެފަދަ އެތައްކަމެއް މިއާއިލާއިން ކޮށްފައި ވެއެވެ.
އުމުރުން 83 އަހަރުގައި ސުސަން ނިޔާވުމާއި ގުޅިގެން އެމީހުންގެ ޒަމާންވީ ގްރޫފް ފޮޓޯ ހުއްޓުމަކަށް އައެވެ. ނަމަވެސް އެފޮޓޯތަކުގެ ސަބަބުން އުފެދިގެން އައި އާއިލީ އެއްބަނޑު އެއްބަފާ ގުޅުމުގެ ސަބަބުން އެއަހަރު އެމީހުންނަށް އިންސާނީ އެހީތެރިކަމުގެ އެވޯޑް ލިބިފައިވެއެވެ. އަދި އެމީހުންގެ ދަރިންވެސް އެމީހުންނާއި އެއްފަދައިން އެމަސައްމަތުގައި އުޅެން ފަށާފައި ވެއެވެ.
މިއާއިލާއިން ފެށި މިކުޑަކުޑަ ކަމަކީ މިއަދުގެ ގިނަބަޔަކަށް އިބުރަތަކަށް ވެފައިވެއެވެ. ހީނަރުވަމުންދާ އާއިލީ ގުޅުންތައް ދެމެހެއްޓުމާއި، މާޒީގެ ހަނދާންތައް ދިރުވާއާލާކުރުމަށް މިއާއިލާއިން ދެއްކީ ވަރަށްވެސް ރަނގަޅު ނަމޫނާއެކެވެ. މިއީ މިއަދު ކޮންމެ އާއިލާއަކަށް ވެސް އެހާމެ ބޭނުންތެރި ފިލާވަޅެކެވެ.