English Edition
Dhivehi Edition

އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ އެމަނިކުފާނު ކުށްވެރިނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އަށް ޚާއްސަ ބޭފުޅުންތަކެއްސޮއި ކުރެއްވުމަށް ރޭ ޕީޕީއެމްގެ އޮފީހުގައި ކުރިއަށްގެންދިޔަ “މަވެސް ޕީޕީއެމް” ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ކޮށްފިނަމަ އެމަނިކުފާނު ކުށްވެރިނުވާނެކަމަށާއި އެމަނިކުފާނާ މެދު ޢަދުލުވެރި ޝަރީޢަތެއް ކޮށްފިނަމަ، ގައިގަ އަތެއް ނުލެވޭނެކަމަށެވެ.

“އަދުލުވެރި ހުކުމެއް ކުރާ ކަމަށް ވާ ނަމަ، އަޅުގަނޑުގެ މައްޗަށް ޖަލު ހުކުމެއް ނާންނާނެ. އެހެންކަމުން ޝަރީއަތާ މެދު އެއްވެސް ދިވެއްސަކު ކަންބޮޑު ނުވުމަށް އެދެން. ކަންބޮޑު ނުވާން އަޅުގަނޑު މި ބުނަނީ އެއީ އަޅުގަނޑު އެކަމާ ކަންބޮޑު ނުވާތީ. އަޅުގަނޑު ކަންބޮޑު ނުވާ ވާހަކަ މި ދަންނަވަނީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ބައިތުލްމާލްގެ އެންމެ ލާރި ފޮއްޗެއްގައި ވެސް ޖެހިފައި ނޯންނާނެތީ” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއްމިލިއަން ޑޮލަރުގެ އަސްލު އޮޅުވާލިކަމުގެ ތުހުމަތުގައެވެ. އެ މައްސަލަ ބަލަމުން ދިޔަ ގާޒީ އަހުމަދު ހައިލަމް މިހާރު ސަސްޕެންޑުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބަލަން ބެންޗެއް އެކުލަވާލައިފައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ ތަނަވަސް ބޭފުޅެއް ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނުގެ އަތުގައި އެއް މިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިސާ ހުންނާނެކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު އަތުގައި އޭރު ވެސް ހުރި ފައިސާ އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ވާނެ. އެހެންވީމާ މިވަރުގެ ގިލަންވެރި ކަމެއްގެ ތެރޭގައި އަޅުގަނޑުގެ އާއިލާ ތަހައްމަލު ކުރުވަން އަޅުގަނޑު މި ދަންތުރަ ޖައްސާކަށް ބޭނުމެއް ނުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،” ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން ދެ އެވެ. އެގޮތުން ސަރުކާރުގެ އިސް ބޭފުޅަކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ގުޅުއްވި ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ޔާމީން ވިދާޅުވި އެވެ

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ޕީޖީއިން ތުހުމަތުކުރާ ނަމަވެސް، އެމަނިކުފާނުގެ ވަކީލުން ދިފާއުގައި ބުނަމުން ދަނީ، އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވުމުގެ ކުރިން އެސްއޯއެފްގެ އެކައުންޓުން ހިންގި ޓްރާންސެކްޝަންތަކަށް ބަލާއިރު، އެންމެ ގިނަވެގެންވެސް އެމަނިކުފާނުގެ އެކައުންޓަށް ވަދެފައި ހުންނާނީ އެމްއެމްޕީއާރްސީގެ 19،000 އެއްހާ ޑޮލަރު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ފައިސާތަކެއް ވަގަށް ނަގަންޖެހޭ ސަބަބެއް ނެތެވެ. އެ އަދަދެއްގެ ފައިސާއަށްޓަކައި އެމަނިކުފާނުގެ އެފަދަ ކުށެއް ނުކުރާނެކަން ރަނގަޅަށް ވިސްނައިފިނަމަ ދިވެހި ރައްޔިތުންނަށް އެނގޭނެކަމަށްވެސް ވިދާޅުވިއެވެ.

“އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރާ ކަމަށް ވަންޏާ، ބުއްދީގެ ހަމަތަކަށް ގަބޫލުކުރާ ކަމަށް ވަންޏާ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ ދިވެހިރާއްޖޭގައި ފަސް އަހަރު ވީއިރު އަޅުގަނޑާ ދޭތެރޭގައި ގާނޫނީ ގޮތުން އިނގިއްޔެއް ހިއްލާ ނުލެވި އޮތް އިރު އަޅުގަނޑު އެވަރުގެ ކަމެއްކޮށްފާނެ ކަމަށް،” ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނު ކުށްވެރި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ މުއައްސަސާތައް ހަލާކުވެގެންދަނީ އެ މުއައްސަސާތަކާ ހަވާލުވެގެން ތިބޭ މީހުން އެމީހުންގެ ޤާނޫނީ މަސްޢޫލިއްޔަތު ނުފުއްދާތީ ކަމަށެވެ. އަދި އެބޭފުޅުންނަކީ “ޚާއިނުން” ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު ކަން ކުރެއްވި މުހައްމަދު ނަޝީދު (ކާނަލް) ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ. ނަޝީދާ އެކު، ޑީއާރުޕީގައި ކުރިން ތިއްބެވި ބައެއް މެމްބަރުން ވެސް ޕީޕީއެމަށް ސޮއިކުރެއްވި އެވެމަނީ