ވީޑިއޯ ގޭމު ކުޅެ އެއަށް ދެވިހިފާފައިވާ މީހުންގެ އަދަދު މިހާރު މިވަނީ އިންތިހާއަށް އިތުރުވެފައި އެވެ. ޒުވާނުންގެ އިތުރުން ދޮށީއުމުރުގެ މީހުންވެސް އަދި ކުޑަ ކުދީންވެސް މިކަމުގައި ހިމެނެއެވެ. މުޅި ދުވަސް ވީޑިޔޯ ގޭމު ކުޅުމުގައި ހޭދަކޮށްލާ މީހުން ގިނަވެފައި ވާއިރު މިއީ އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް ގެއްލުމެއް ލިބޭ ކަމެކެވެ. މިފަދަ މީހުންނަށް ފަރުވާދޭ ތަންތަން ހެދިފައި ނެތް ކަމުގައި ވިޔަސް ޔޫއޭއީ ގައި މިވަނީ މިފަދަ ފަރާތްތަކަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަން ނިންމާފައެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން ޔޫއޭއީން އިސްނަގައިގެން ހުޅުވާ ފުރަތަަމަ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވަނީ އަންނަ އަހަރުގައި އެވެ. ވީޑިޔޯ ގޭމްސް އަށް ދެވިހިފާފައި ތިބޭ މީހުންނަށް ފަރުވާދޭ މިތަން ހުޅުވަނީ ޔޫއޭއީ ގެ ނޭޝަނަލް ރިހެބިލިޓޭޝަން ސެންޓަރު(އެންއާރްސީ) ގެ ބްރާންޗެއް ގޮތުގައި އެވެ.
އެމިރޭޓްސް ނިޔުސް އޭޖެންސީ އަށް މައުލޫމާތު ދެއްވަމުން ޔޫއޭއީގެ ޤައުމީ ރިހެބިލިޓޭޝަން ސެންޓަރުގެ އިސް އޮފިޝަލަކު ވިދާޅުވީ ވީޑިޔޯ ގޭމު ކުޅުމަށް ދެވިހިފާފައިވާ މީހަކުނަމަ އެ ސެންޓަރަށް ގޮސް ފަރުވާ ހޯދުމުގެ ޕްރޮގްރާމްގައި ފަސޭހަކަމާއި އެކު ބައިވެރި ވެވޭނެ ކަމަށެވެ. އަދި އެ ސެންޓަރުން އެކަހަލަ ހުރިހާ ކަމަކަށް ފަސޭހަ ކަމާއި އެކު ފަރުވާގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.