English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން ޢަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ކުށުގެ ދައުވާގެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމްކުރަން ކުރަން ކުރިން ތާވާލުކޮށްފައި އޮތީ މިމަހުގެ 5 ވަނަދުވަހުއެވެ. ނަމަވެސް، ހުކުމް ކުރުން ފަސްކޮށްފައި ވަނީ އެ މައްސަލަ ބައްލަވަމުން ގެންދެވި އެ ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އަލީ ރަޝީދެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުން މި މަހުގެ 17 އަށް ތާވަލްކޮށް ޗިޓް ފޮނުވާފައިވަނީ އިސްގާޒީ ސެކްޝަނުން މައްސަލަ ބައްލަވާ ގޮތަށެވެ.

މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖްރާއަތުގެ ޤާނުނު ބުނާގޮތުން މި ފަދަ މައްސަލަތަކުގައި އަމަލުކުރާނެ ދެ ގޮތެއް ކަނޑައެޅޭނެއެވެ. އެއްގޮތަކީ މައްސަލަ އޮތް ހިސާބުން އަލުން ކުރިޔަށް ގެންދިޔުމުމެވެ. އަނެއް ގޮތަކީ އެހެން ފަނޑިޔާރަކާއ ހަވާލުކޮށްގެން އަލުން މައްސަލަ ކުރިޔަށް ގެންދިޔުމެވެ. މި މއްސަލާގައި އަމަލުކުރަން ނިންމާފައިވަނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ވަދެފައިވާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓުން ރައީސް ޔާމީން، އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކުރި މައްސަލާގައެވެ. އަދި އެ ފައިސާ ރައީސް ޔާމީން ވަނީ އެ ބޭންކުގައި އޮންނަ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރައްވާފައެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.