ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ސަރުކާރުގައި އައްޑޫގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓަށް ބިނާކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިން ނަގައިގެން ގެނެސް ހިތަދޫ އަވަށު އޮފީހުގައި ބެހެއްޓި އީސީސީ އިން ނައްޓާލާފައި ހުރި ތަކެތި ނީލަން ކިޔުމަށް އައްޑޫސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
އައްޑޫސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ އީސީސީ އިން ނައްޓާލައިގެން ގެނެސް ހިތަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި (އިމާރާތުން ނައްޓާފައި ހުރި ތަށިމުށި، އެއަރކަންޑިޝަން ޑަކް، ކޮންޓިއުޓް ހޮޅި، ފްރޭމް ) މިކަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނީލަން ކިޔުން އޮންނާނީ 14 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހިތަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި އެވެ. ނީލަން ކިޔާ ތަކެތި ބެލޭނެގޮތްވެސް ކައުންސިލުން ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރު 2 އަށް ކައުންސިލަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލްގެ އިއުލާނުގައި އިތުރަށް ބުނީ ނީލަމުން ނަގާ ތަކެތި ނަގާ ފަރާތްތަކުން ނީލަން ކާމިޔާބުކުރުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ތަކެތި ގެންދަވަން ވާނޭ ކަމަށެވެ.
އީސީސީ ހުރި ތަން ސަރުކާރުން މިހާރު ވަނީ ޓާޝަރީ ފެންވަރަށް ތަރައްގީކުރާ 100 އެނދުގެ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.