English Edition
Dhivehi Edition

ރައްޔިތުންގެ އިތުބާރަކީ ސިފައިންކަމާއި އެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސްއަށް ފުރިހަމައަށް ޢަމަލުކޮށް، އަސްކަރީ އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެންކަމަށް ދިވެހި ހުރިހާ ސިފައިންނަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 31 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ދިފާޢުކުރުމުގައި ޖިހާދު ކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ސިފައިންނާއި، މިޢުދުވާނުގައި ޢާންމުންގެ ތެރެއިން ޝަހީދުވި ހުރިހާ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ. އަދި ޚާއްޞަގޮތެއްގައި އެ ދުވަހުގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި މައި އައްޑަނައަކަށް ވެވަޑައިގެންނެވި ޤައުމީ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

ނޮވެންބަރު 3 ގެ ނުރައްކާތެރި ޢުދުވާނުން ދިވެހި ޤައުމު ސަލާމަތްކުރުމުގައި، އޭރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ވަރަށް ޙިކްމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އެދުވަހު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ދިވެހި ރައްޔިތުންނާއި އަމިއްލަފުޅު ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަކޮށް ދިވެހި ސަރުކާރުގެ އެދިވަޑައިގެންނެވުމަކަށް އިންޑިއާއިން ވެދިން އަވަސް އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑީޔާއަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާތް ވެގެންވާ އިސްލާމް ދީނާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، ތެދުވެވަޑައިގެންނެވި ކޮންމެ ބަޠަލެއްގެ އެންމެ ބާރުގަދަ ސިލޭހައަކަށްވީ، އެ ބަޠަލުންގެ ފަހަތްޕުޅުގައި ސާބިތުވެ ތިބި ޢާންމު ފަރުދުންކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައި ވެސް، ދިވެހި ސިފައިންނާއި ޢާންމު ރައްޔިތުން ސާބިތުކޮށްދިނީ، އެ ގުޅުން އަދިވެސް ބަދަހިކަންމަތީ ދެމިއޮތްކަންކަމަށާއި އޭގެ ފަހުން ރާއްޖެ ދުށް ސުނާމީ ކާރިޘާގައިވެސް، އަދި ދާދި ފަހުން މާލޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައިވެސް، ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަ ގުޅުމުގެ ވަރަށް ރީތި ނަމޫނާއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ އިތުބާރަކީ ސިފައިންކަން ފާހަގަކުރައްވައި އެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސްއަށް ފުރިހަމައަށް ޢަމަލުކޮށް، އަސްކަރީ އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެންކަން ފާހަގަކުރައްވައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ ދެމިތިބުމަށް، ދިވެހި ހުރިހާ ސިފައިންނަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.