ދުނިޔޭގެ ސުވަރުގޭގެ ގޮތުގައި މަޝްހޫރުވެފައިވާ “ޖަޒީރާ ރާއްޖެ” އަކީ މުޅި ދުނިޔޭގެ ލޯތައް އަމާޒުވެފައިވާ ހިތްފަސޭހަ “ޖަޒީރާ ރާއްޖެ” އެކެވެ. މިކުޑަ ކުޑަ ” ޖަޒީރާ ރާއްޖެ”އަށް ދަހިވެތިވެފައިވާ ދުނިޔޭގެ އެތައް ޤައުމަކުން މުގޯލި އަޅަމުން ދާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިކަމުގެ ފުރިހަމަ ހެއްކަކީ 3 ނޮވެމްބަރ 1988 ވަނަ ދުވަހު ފަހުގެ ތާރީޚުގައި އަދި މިހާތަނަށް ދިވެހިން ދުށް އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާ ދީފައިވާތިއެވެ.
ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާ އެކުވެގެން ހިންގި ނުރައްކާތެރި ބަޣާވާތެކެވެ. އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. މީގެ ތެރޭގައި ދިވެހިންގެ މަދުބަޔަކާއި ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 މީހުން ހިމެނުނެވެ. އެމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ. އެ ދުވަހުގެ ހަނގުރާމައިގައި ޝަހީދުވީ 19 ދިވެހީންނެވެ. އެއީ ޢާންމު ރައްޔިތުންގެ 11 މީހުންނާއި ސިފައިންގެ 8 މީހެކެވެ. އޭގެތެރެއިން ޤައުމީ ބަޠަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ފާހަގަކުރައްވާފައިވަނީ ހދ. ކުޅުއްފުށި ހުސައިން އާދަމްއެވެ. ހުސައިން އާދަމް އަކީ ދިވެހިރައްޔިތުންނާއި ދިވެހި ޤައުމާއި ވަޠަނަށް ނަޞްރު ހޯއްދަވައިދެއްވަން އެ ބޭކަލެއްގެ މޭ ފޫއަޅުވާލައި އެތައް އުންޑައެއް އަރައި ޝަހީދުވެ ވަޑައިގެންނެވި ދިވެހި ޤައުމުދެކެ ލޯބިވާ ޤައުމީ ބަޠޮލެކެވެ. ގާތްގަޑަކަށް 18 ގަޑިއިރުވަންދެން ދިވެހި ސިފައިން ބާޣީންނާއި ހަނގުރާމަ ކުރަމުން ދިޔައީ އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެންނެވެ.
3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމުތަކެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް، ނަމަވެސް ދިވެހި ސަރުކާރުން ޢަސްކަރީ އެހީއަށް އެދުނީ އިންޑިޔާ ސަރުކާރުގައެވެ. އެހެންކަމުން ވަރަށް އަވަހަށް އިންޑިޔާ ސަރުކާރުގެ ޢަސްކަރީ އެހީ ރާއްޖެއަށް ލިބިގެންދިޔައެވެ. ކުލީސިފައިން ވެރިކަން ބަދަލުކުރުމަށް ޙަމާލާދޭން ފެށިތާ ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ. ނަމަވެސް އިންޑިޔާ ސިފައިން ރާއްޖެ އާދެވުނުއިރު، ﷲ ގެ ހެޔޮ ރަހްމަތް ފުޅުން ހަނގުރާމަ އޮތީ ކޮންޓްރޯލް ކުރެވިފައެވެ. އެހެންކަމުން އެބައިމީހުންނަށް ހަނގުރާމަ ކުރާކަށެއް ނުޖެހެއެވެ. ބާޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން މާލޭގެ ބަނދަރުގައި އޭރު އޮތް މުދާ އުފުލާ ބޯޓެއްކަމުގައިވާ “ޕްރޮގްރެސްލައިޓް” ގައި ފުރައިގެންދަނިކޮށް އެމީހުން އަތުލައިގަތީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރުންނެވެ.
ބާޣީން “ޕްރޮގްރެސްލައިޓް” ފުރައިގެން ދިޔައިރު އެތަކެއް ދިވެހީން ރަހީނުންގެ ގޮތުގައި ގޮވައިގެންނެވެ. މީގެ ތެރޭގައި އޭރު ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްފައެވެ.
ފަހުރުވެރި ނަޞްރުގެ ދުވަސް މިއަދު ފާހަގަ ކުރަމުން ދާއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި، ދިވެހި ރައްޔިތުންގެ ހިއްތަކުގައިވާ އަޒުމް އިތުރަށް ވަރުގަދަ ކުރަން ޖެހެއެވެ. މިހާރު އުފެދިފައިމިވާ ސިޔާސީ ދެކޮޅުވެރިކަން ނައްތާލައި، ދިވެހި ޤައުމައިގެން ކުރިއަށް ދިޔުމަށް އަތުކުރި އޮޅާލައި މަސައްކަތް ކުރުމަކީ މިކަހަލަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުންކަން ކަށަވަރެވެ. މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ ހިތާއި ދުލަށް ގެންނަންވީ މިޤައުމު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިޔަނުދެއްވައި ސަލާމަތްކުރެއްވުމަށް މާތް ﷲ ގެ ރަޙްމަތާއެކު މެދުވެރީންނަށް ވެވަޑައިގެންނެވީ ކޮންކަމެއްކަން ހަނދާން ކުރުމެވެ. މި ލޮބްވެތި ފަސްގަނޑު އެބައެއްގެ ލެއިން ރަތްކޮށްލައި ޝަހީދުވެވަޑައިގެންނެވި އަބްޠާލުންގެ ޒިކްރާ ހަނދާން ނުކޮށް ވާނެތޯއެވެ؟ އެބޭފުޅުން އެދެއްކެވި ހާދަހާ ފުރިހަމަ ނަމޫނާއެކެވެ.
ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. މާތްﷲ ގެ މަދަދާއިއެކު ދިވެހިން ކުރި ހިތްވަރާއިއެކު ޙަނގުރާމައިގައި ކާމިޔާބު ލިބި، ޚާއިނުންގެ އަނިޔާވެރި މަކަރުވެރި ރޭވުންތަކުން ދިވެހި އުންމަތް ސާލާމަތްވެ އޯގާވަންތަ މާތްﷲ ގެ ރަޙުމަތުން ނަޞްރު ދިވެހިންނަށް ލިބުނީއެވެ.
ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އޭއޯ ނިއުސްގެ މުޅި ޓީމުގެ ފަރާތުން މި ނޫހުގެ ކިއުންތެރިންނަށް އަރުވައެވެ.