ކީރިތި ރަސޫލާގެ މާތް ޝަހުސިއްޔަތަށް ފުރައްސާރަކޮށް، އިސްލާމްދީނާ އެ ދީނުގެ ޝިއާރުތަކަށް ގޮންޖަހާ ވާހަކަ ދައްކާ ހަދައިފިި ކޮންމެ މީހަކީ ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުން ގެނައުމަށް މަސައްކަތް ކުރާ މީހެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝެއިހް އިލްޔާސް މިހެން ވިދާޅުވީ ރޭ ކާނިވާ ސަރަހައްދުގައި “ލޮބުވެތި ނަބިއްޔާ” ގެ ނަމުގައި ބޭއްވި ދަރުސްގައި ވާހަކަދައްކަމުންނެވެ. ރޭގެ ދަރުސްގައި އިލްޔާސް ވިދާޅުވީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ދައްކަން ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެކަން އެހެން ނުވާނެ ކަމަށެވެ. “ތިޔަ ލޮބުވެތި އަޚުންނާ އުޚުތުންގެ ކުރިމަތީގައި މާތްﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ، އަޅުގަނޑު އިސްލާމްދީނުގައި އޮންނަ ގޮތް ބުނެދީގެން އަޅުގަނޑަކީ ޓެރަރިސްޓަކަށް ހަދައިގެން އަޅުގަނޑު މަރާލިޔަސް ޒައްރެއްގެ މިންވަރުވެސް ފަރުވާލެއް ނެތް. އެކަމަށް ޖެހިލުމެއްވެސް އަދި އެއްވެސް މައްސަލައެއް ވެސް ނެތް،”އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި އިލްޔާސް ވަނީ ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާއި ސިޔާދަތަށް އޮޅުން އަރާ ފަދަ ކަންކަން ކުރާ ހުރިހާ އެންމެންނަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ރައީސުލްޖުމްހޫރިއްޔާއާ، މަޖިލީސް މެންބަރުންނާއި، ސަލާމަތީ ބާރުތަކަށް ގޮވާލާފައެވެ.