ޓްރީ ޓޮޕް ހޮސްޕިޓަލުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކެއް އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުންނަށް ހުޅުވާލައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ރާއްޖޭގައި އަޅާ ފުރަތަމަ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށްޓަކައި އައްޑޫއާއި ފުވައްމުލަކަށް އެ ހޮސްޕިޓަލްގެ ޓީމެއް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޯގަސްޓް 14 އަދި 15 ވަނަ ދުވަހު އައްޑުއަށް ކުރާ މި ޒިޔާރަތުގައި މި ދެދުވަހުގެ ހެނދުނު 09:00 އިން މެންދުރު 12:00 އަދި މެންދުރު ފަހު 14:00 އިން 17:00 މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެދުވަހުގެ ރޭގަނޑު 20:00 އިން 22:00 އަށް ވެސް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ދާނެއެވެ. މިސެޝަންތައް ކުރިއަށްދާނީ އައްޑޫ ސިޓީ ކައުންސިލް ހޯލްގައެވެ.
ފުވައްމުލަކުގެ ކައުންސިލް އިދާރާ ހޯލްގައި އޯގަސްޓް 16 އަދި 17 ދެދުވަހު މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެކަމަށް އެކުންފުނިން މަޢުލޫމާތު ދީފައި ވެއެވެ. އެގޮތުން އެދެދުވަހުގެ ހެނދުނާއި، މެންދުރު އަދި ރޭގަނޑުވެސް މި ސެޝަތަންތައް ކުރިއަށް ދާނެއެވެ.
މި ސެޝަންތަކަށް ވަޑައިގަންނަވާއިރު ވަޒީފާ އަށް ޝައުޤުވެރިވާ ފަރާތްތަކުން ވަނަވަރު (ސީވީ) ގެންނެވުމަކީ އެކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ.
ޓްރީ ޓޮޕް ކުންފުންޏަކީ 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކުންފުންޏެކެވެ. އަދި އެކުންފުނިން ތަފާތު އެކި ވިޔަފާރި ރާއްޖޭގައި މިހާރު ކުރަމުންދެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ހުޅުމާލޭގައި އެކުންފުނީގެ ފަރާތުން އަޅާ ޓާޝަރީ ހޮސްޕިޓަލެކެވެ.