މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާޢިއުކުރި ރިޕޯޓުގައި ހުރި ވާހަކަތަކުގެ މައްޗަށް ކުރިއަށްގެންދިޔަ ޢިލްމީ ދިރާސާގެ އިނިޝަލް ފައިންޑިންގްސް ނުވަތަ ފުރަތަމަ ހޯދުންތައް ޔޫތު މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެގޮތުން ރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ވާހަކަތަކުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންދިޔަ ޢިލްމީ ދިރާސާގެ އިނިޝަލް ފައިންޑިންގް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާ ހިއްސާކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަމަށާއި، އިސްލާމް ދިނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް، ފުލުހުންގެ ޢިލްމީ ދިރާސާއިން ފެންނަ ކަމަށް ޔޫތު މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށެވެ.
އެމްޑީއެން އިން ދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލަ ފެންމަތިވުމާއި ގުޅިގެން ޔޫތު މިނިސްޓްރީ އިން ވަނީ އެ ޖަމިއްޔާ ސަސްޕެންޑްވެސް ކޮށްފަ އެވެ.
ޔޫތު މިނިސްޓްރީ އިން ބުނެފައި ވަނީ އެމްޑީއެން ސަސްޕެންޑްކުރީ އެ ޖަމިއްޔާއިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާޢިއުކުރި ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަމުންދާތީ ކަމަށެވެ. އެމްޑީއެން ސަސްޕެންޑް ކޮށްފައިވަނީ ޖަމިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ޖަމިއްޔާތަކާބެހޭ ރަޖިސްޓްރަރ އަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންނެވެ.
އޭގެ ފަހުން ފޮރިން މިނިސްޓްރީ އިން ބުނީ އެމްޑީއެން ސަސްޕެންޑްކޮށްފައި ވަނީ އެ ރިޕޯޓުގެ ތަޙުޤީޤު ނިމެންދެން ވަގުތީ ގޮތުން ކަމަށެވެ.
އެ މައްސަލައިގައި އެމްޑީއެން އުވާލުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، ބައެއް ފަރާތްތަކުން ވަނީ އެ ޖަމިއްޔާ އުވާލުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފަ އެވެ. އަދި އެ ރިޕޯޓު ލިޔެ ޝާޢިއުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ފުލުހަށް ހާޒިރުވާންވެސް ވަނީ އަންގައިފަ އެވެ.
އެމްޑީއެންގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވައިފަ އެވެ. އެގޮތުން ދާދިފަހުން ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސް ވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޖާގަ މި ސަރުކާރުން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އެމްޑީއެން މައްސަލާގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.