އަންނަ އަހަރަށް ލަފާކުރާ ސަރުކާރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަންނަ އަހަރުގެ ބަޖެޓު 40 ބިލިއަން ރުފިޔާއަށް އަރައެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާބަޖެޓް ހަދައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވާއިރު މި ބަޖެޓުގެ އަސްލު މިންވަރު ބުނެފައި ނުވެއެވެ. ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވުމަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ކަމެކެވެ.
އަންނަ އަހަރު ދައުލަތުން ޚަރަދުތަކަށް އަރާނެ ވަރު ބަޔާންކޮށް ބަޖެޓް މަޖިލީހަށް ފޮނުވާފައިވާ އިރު މި ބަޖެޓަކީ މި އަހަރުގެ ބަޖެޓާއި އަޅާބަލާއިރު 10 ބިލިއަނެއްހާ ރުފިޔާ އިތުރު ބަޖެޓެކެވެ.
އަންނަ އަހަރަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދިވެހި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 30.73 ބިލިއަން ރުފިޔާ އެވެ.