ޕާކިސްތާންގެ ކަރާޗީ ސިޓީ އިން ރަވަލްޕިންޑީ އަށް ދަތުރު ކުރަމުންދިޔަ ރޭލެއްގައި ރޯވެ ހިނގި ހާދިސާގައި މަދުވެގެން 73 ފަސިންޖަރުން މަރުވެފައިވާ ފުލުހުން ބުނެފި އެވެ.
އެޤައުމުގެ ރޭލްވޭ މިނިސްޓަރ، ޝެއިޚް ރާޝިދު އަހްމަދު ވިދާޅުވީ ރޭލުގައި ރޯވެފައި ވަނީ ހެނދުނު ނާސްތާ ކައްކަން ތިބި ފަސިންޖަރުން ބޭނުންކުރި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ކަމަށެވެ. ގޭސްފުޅި ފަޅައިގެން ގޮސް ރޯވި އަލިފާންގަނޑު ވަނީ ރޭލުގެ ތިން ބަޔަކަށް ފެތުރިފަ އެވެ.
އޮފިޝަލުންނާއި ހަވާލާދީ އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަލިފާން ރޯވުމާއެކު ރޭލުން ފުންމާލަން މަސައްކަތް ކުރުމުގެ ތެރޭގައިވެސް ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
މި ހާދިސާގައި އިތުރު 40 މީހަކަށް އަނިޔާވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އޮފިޝަލުން ބުނެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ޕަންޖާބް ޕްރޮވިންސްގެ ދެކުނުގައި އޮންނަ ރަށެއް ކަމުގައިވާ ރަހީމް ޔާރް ޚާން ކައިރީގައެވެ. ރޭލުން ދަތުރުކުރި ގިނަ ފަސިންޖަރުންނަކީ ސުންނީ މުސްލިމް ޖަމާޢަތެއް ކަމުގައިވާ ތަބްލިޣީ ޖަމާތުން ކޮންމެ އަހަރަކު އިންތިޒާމްކުރާ ދީނީ އެއްވުމެއްގައި ބައިވެރިވުމަށް ލާހޯރް ކައިރީގައި އޮންނަ ރައިވިންދަށް ދަތުރުކުރަމުން ދިޔަ މީހުންނެވެ.
“ދެ އުނދުން ގޮވި. އެމީހުން ދިމީ ކައްކަން. އެމީހުން އަތުގައި ތެޔޮ ހުރި. އޭގެއިން އަލިފާންގަނޑު ރޯވީ”، ޝެއިޚް ރާޝިދު އަހްމަދު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ދިގު ދަތުރުތަކުގައި ކެއްކުމަށް އުނދުން ހިފައިގެން ފަސިންޖަރުން އައުމަކީ ވަރަށް އާންމު މައްސަލައެއް ކަމަށެވެ. ރޭލުތަކުގައި ކާބޯތަކެތި ގެންގުޅުމަކީ އާންމު ކަމެއް ކަމުގައި ވީނަމަވެސް، ގޭސްފުޅިތައް ބޭނުންކުރުމަކީ މަނާ ކަމެކެވެ.
ޑިސްޓްރިކްޓް ޑެޕިއުޓީ ކޮމިޝަނަރ ޖަމީލް އަހްމަދު ވިދާޅުވީ މި ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަނޑުކާކުކަން ނޭގޭ މިންވަރަކަށް އަނދާފައިވާ ކަމަށާއި، އެމީހުން ދެނެގަތުމަށްޓަކައި ޑީއެންއޭ ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ބޮޑުވަޒީރު އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހާދިސާއާމެދު ފުންކޮށް ހިތާމަކުރައްވާ ކަމަށެވެ. އަދި ވަގުތުން ވަގުތަށް ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަޙުޤީޤުކުރުމަށް ވެސް އެމަނިކުފާނު ވަނީ އަމުރުކުރައްވައިފަ އެވެ.
އަލިފާން ރޯވި ރޭލަކީ ޕާކިސްތާންގެ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު އެއް ރޭލު ކަމުގައިވާ ތެޒްގާމް އެވެ.
މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް ޕާކިސްތާންގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެެވެ.