English Edition
Dhivehi Edition

ހައި ކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ތަހުގީގު ކޮމެޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ.

ޖޭއެސްސީން ބުނެފައިވަނީ އެ ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމަށްޓަކައި 19 މައްސަލައެއް ތާވަލުކުރެވި އޭގެތެރެއިން ދެ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލައި ފައިވާ ކަމަށެވެ. ނަމަވެސް އެ ތަހުގީގު ކޮމެޓީގައި ތިއްބަވަނީ ކޮން މެންބަރުންނެއް ކަމެއް ހާމައެއް ނުކުރެއެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު މީގެ ކުރިން ވަނީ އެ ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލައި އޭނަ ސަސްޕެންޑް ކޮށްފައެވެ. އަދި ހައި ކޯޓުގެ އިސްފަނޑިޔާރު ޝުޖާއުގެ މައްސަލައެއް ބެލުމަށް ނިންމާފައިވާއިރު، މީގެ ކުރިން ވަނީ ޖޭއެސްސީން ބެލި މައްސަލައެއްގައި އޭނައާ ސުވާލުކޮށްފައެވެ.

މި ދެ ފަނޑިޔާރުންގެ އިތުރުން ރ. ހުޅުދުއްފާރު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓުގެ އަލީ މުސްތަފާގެ މައްސަލައެއް ބަލަން ނިންމާ އެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ވަނީ ޖޭއެސްސީން ވަނީ ނިންމާފައެވެ

ޖޭއެސްސީން ދަނީ ފަނޑިޔާރުންނާ ގުޅުންހުރި ގިނަ މައްސަލަތަކެއް ބަލަމުންނެވެ. މައްސަލަ ބަލައި ބައެއް ފަނޑިޔާރުންނަށް ދަނީ ފިޔަވަޅު ވެސް އަޅަމުންނެވެ.