English Edition
Dhivehi Edition

ރާއްޖެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭ އިތުރަށް ބާރުގަދަ ވެގެންދާނެ ކަމަށް މޫސުމާބެހޭ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ. ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް، ތޫފާނާގުޅިގެން ރާއްޖޭގެ ސަރަޙައްދުގައި ބާރުގަދަ ވިލާގިނަވެ ބާރަށް ވައިޖެހުމާއެކު ކަނޑުގަދަވެ އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓްއޮފީހުންވަނީ ވިދާޅުވެފައެވެ. ޢަރަބި ކަނޑުގައި އެއްފަހަރާ ދެ ތޫފާން އުފެދިފައިވާ އިރު ރާއްޖެއާއި އެންމެ ކައިރިން ލަކްޝަދީބުގެ މަތިން އުފެދުނު މިތޫފާނަށް ދެވިފައިވާ ނަމަކީ ތޫފާން މަހާ އެވެ. އަރަބި ކަނޑުގައި އުފެދުނު ފުރަތަމަ ތޫފާނުގެ ބާރު ދަށްވަމުންދާ މިދަނޑިވަޅުގައި ތޫފާން މަހާ އުފެދި މީގެ ބާރު އަންނަނީ ގަދަވަމުންނެވެ. އެހެންނަމަވެސް މިތޫފާން ރާއްޖެއާއި ފެއަށް ޖެހެމުންދިއުމާއެކު ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރައްވައެވެ. ތޫފާން މަހާ އުފެދިފައިވަނީ މާލެއާއި 380 ކިލޯމީޓަރ ދުރުންނެވެ.

މިވަގުތު މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާދެމެދުގެ ރަށްތަކަށެވެ. މިރޭ 10 ން ފެށިގެން މެންދަމު 3.00 އާއި ހަމަޔަށް ނެރެފައިވާ މި ސަމާލުގައި ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުމުގެ އިތުރުން ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

ގުގުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވާއިރު އެ އިދާރާއިން ބުނީ މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނޭ ކަމަށާއި ބޭރު ކަނޑުގެ ބާނިތައް ތިން ފޫޓާއި ހަ ފޫޓާއި ދޭތެރޭގައި އުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހިއްޖެ ޙާލަތެއްގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށް ވެފައި ދިވެހީންނަކީ އަބަދުވެސް ކަނޑުދަތުރުކުރާ ބަޔަކަށްވާއިރު މިދުވަސްވަރު އެންމެންގެ ސަލާމަތާއި ރައްކަލަށްޓަކައި މިކަމަށް ސަމާލުވުން މުހިންމެވެ. މެޓް އޮފީހުން ކަނޑުދަތުރު ތައް ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރަށެވެ.