English Edition
Dhivehi Edition

ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު އިވޭލުއޭޓްކުރުމުގެ މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އެޓަރނީ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފި އެވެ.

އޭޖީ އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދައުލަތާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމަށްޓަކައި ރަޢީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، ގިނަވެގެން ތިން އޮޑިޓް ފަރމެއް ޢައްޔަންކުރުމަށް ބޭނުންވާ ކަމަށެވެ.

މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ އޮޑިޓް ފަރމްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި މަސައްކަތާބެހޭ މަޢުލޫމާތު ސެޝަން 4 ނޮވެމްބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އޭޖީ އޮފީހުން ބުނީ މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި ކަމަށެވެ.

ސެޓްލްމަންޓް ކޮމިޓީއަކީ ސަރުކާރާއި ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމަށްޓަކައި ރަޢީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޓީ އެކެވެ. މިކޮމިޓީއަށް މިހާތަނަށް ވަނީ 32 މައްސަލައެއް ހުށަހަޅާފައިވާއިރު، އެކި އެކި މައްސަލަތަކުގައި މި ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ބިލިއަނެއްހާ ރުފިޔާ ދީފައެވެ.